ޤައުމީ އެއަރލައިން މޯލްޑިވިއަނުން އެކްސެސް ބެގޭޖަށް ނަގަމުން އަންނަ ފީ ބޮޑުކޮށްފިއެވެ.

މޯލްޑިވިއަންގެ އެކްސެސް ބެގޭޖަށް ނަގާ ފީ ބޮޑުކޮށްފައިވާއިރު، މި ފީ ބޮޑުކޮށްފައިވަނީ ހަމައެކަނި ޑޮމެސްޓިކް ފްލައިޓް ތަކަށެވެ.

"ވީ ނިއުސް"އަށް މައޫލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް އަހްމަދު މުޝްއިލް ވިދާޅުވީ، ދުނިޔޭގެ ބާރާޒުގައި ހުރިހާ އެއްޗެއްގެ އަގު ބޮޑުވަމުންދާއިރު، މޯލްޑިވިއަންގެ ޕްލައިޓްތައް އޮފަރޭޓް ކުރުމަށް ބޭނުންވާ ޚަރަދު ވެސް ބޮޑުވަމުން ދާކަމަށެވެ. އެހެންކަމުން އެކްސެސް ބެގޭޖުން ނަގާ ފީ ބޮޑު ކުރުމަކީ މޯލްޑިވިއަންގެ ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް މުޝްއިލް ވިދާޅުވެއެވެ.

މީގެއިތުރުން، މޯލްޑިވިއަންގެ ޑޮމެސްޓިކް ފްލައިޓްތަކުގެ އެކްސެސް ބެގޭޖަށް ނަގާ އަގު ބޮޑު ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހިފާހާޓާފައިވާ ކަން މުޝްއިލް ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަނުން ދަތުރުކުރާ ކޮންމެ ފަސިންޖަރަކަށް ހިލޭ ގެންދެވޭނީ 20 ކިލޯގެ ބެގޭޖެވެ.

އެކްސެސް ބެގޭޖުގެ ކޮންމެ ކިލޯއަކަށް ނަގާނެ އަގުތަކަކީ ހަނިމާދޫ، ހޯރަފުށި، ކުޅުދުއްފުއްޓަށް 36ރ، އިފުރު، މާފަރު، މަޑިވަރަށް 30ރ، ފުނަދޫ 36ރ، ދަރަވަންދޫ، ތިމަރަފުށި، 24ރ، ކައްދޫއަށް 36ރ، ކޫއްޑޫ، ކާޑެއްދޫ، މާވަރުލަށް 48ރ، ފުވައްމުލަކަށް 57ރ، އަދި ގަމަށް 60ރުފިޔާއެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަކީ ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއާލައިނެވެ.

މޯލްޑިވިއަނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މައި ހަބުން އިންޑިއާ، ބަންގްލަދޭޝް، ތައިލެންޑް އަދި ޗައިނާ އަށް އޮޕަރޭޓް ކުރާއިރު، އެ އެއާލައިނުން ރާއްޖޭގެ އެތެރޭގެ 16 އެއާޕޯޓަކަށް ވެސް ދުވާލެއްގެ މައްޗަށް ގިނައަދަދެއްގެ ދަތުރުތަކެއް ކުރެއެވެ.