މިއަހަރު ނިމުމުގެ ކުރިން ޑްރޯން އޮޕަރޭޓް ކުރުމަށް ހުއްދަ ދިނުމުގެ އިންތިޒާމުތައް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން، މިނިސްޓަރ ދެއްވި ޚިޠާބުގައި ވަނީ ޓްރާންސްޕޯޓުން މަސައްކަތްކުރަނީ ރާއްޖޭގައި އިތުރު ހަރަކާތްތައް ހިންގުމުގެ ފުރުސަތު ތަނަވަސްކޮށްދީގެން ކަމަށާއި އެގޮތުން ރާއްޖޭގައި ޑްރޯން މެދުވެރިކޮށް ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަންނަ އަހަރު ހުއްދަ ދޫކުރަން ފަށާނެ ކަމަށެވެ.

މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތު ތަރައްގީކޮށް ކުރިއެރުވުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރެވޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ވަސީލަތްތައް ފޯރުކޮށްދީގެންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތީ އިންސާނީ ވަސީލަތް ކަމަށެވެ.

އެގޮތުން އެ ރޮނގުން އަރައިގަތުމަށް 2019 ވަނަ އަހަރު 'އޭވިއޭޓާސް ނެކްސްޓް ޖެން"ގެ ނަމުގައި ސްކޮލަރޝިޕް ސްކީމެއް ތައާރަފުކޮށް ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ސްކޮލަރޝިޕް އެވޯޑް ކުރެވިފައިވާ ކަން މިނިސްޓަރުގެ ޚިތާބުގައިވެއެވެ.

އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަ ކުރަން ބޭނުންވަނީ ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވި ފަރާތްތައް މިހާރު އޮތޯރިޓީއަށް ޚިދުމަތް ކުރަން ފަށާފައިވާކަން. އެ ސްކޮލަރޝިޕްތަކުގެ ސަބަބުން އެއާ ނެވިގޭޝަން ދާއިރާގެ އިންސްޕެކްޓަރުން ތަމްރީނު ކުރެވުމުގެ އިތުރުން ބޮޑެތި ބޯޓުތަކުގެ ޕައިލެޓް ރޭޓިންގތައް އޮތޯރިޓީގެ އިންސްޕެކްޓަރުންނަށް ވަނީ ލިބިފަ. އަޅުގަނޑުމެންގެ ޕްލޭނަކީ އެހެނިހެން މަސައްކަތްތަކާއެކު ސްކޮލަރޝިޕް ސްކީމްވެސް ކުރިއަށް ގެންގޮސް އޮތޯރިޓީގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރަމުން ގެންދިޔުން."
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ތަރައްގީވެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހާސިލް ކުރެވެމުން މިދަނީ ރައީސް ސާލިހްގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

އަދި މަދަނީ ވައިގެ ދަތުރު ފަތުރުގެ ދާއިރާ އިތުރު ކާމިޔާބީ ހޯދަމުން މިދަނީ ސިނާއަތުގެ ބައިވެރިންގެ ހިއްސާއާއެކުގައި ކަމާށާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ލިބިގެންދާ އެއްބާރުލުމާއެކުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރުގެ ޚިތާބުގައި ވަނީ ރާއްޖެ ތަރައްގީކޮށް އިގްތިސާދު އަދި އިޖުތިމާޢީ ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އިސްތިރާޖީ ސިޔާސަތަކީ މުޅި ރާއްޖެ ވައިގެ ދަތުރު ފަތުރު ވިއުގައަކުން ގުޅާލުން ކަމަށެވެ.

އެގޮތުން ބައިނަލްއަގްވާމީ 5 އެއާޕޯޓާއެކު މިހާރު ރާއްޖޭގައި ޖުމްލަ 18 އެއާޕޯޓުން ޚިދުމަތް ފޯރުކޮށްދޭ ކަމަށާއި އަންނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ރަށްރަށުން 30 މިނިޓުގެ ކަނޑުދަތުރުގެ ރާސްތާއަކުން ވައިގެ މަގުން ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.