ކޮންމެ ކުޅުންތެރިޔަކަށްވެސް ލޯތްބާއިއެކު އިހުތިރާމުކުރާ ކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކީޕަރު އަދި ފުޓުބޯޅަ އެނަލިސްޓް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، ދަޢުލަތުގެ މީޑިއާގެ ޔޫތު ސްޕޯޓްސް އެންޑް އެންޓަޓެއިންމަންޓް (ޔެސް) ޗެނަލްގެ ވޯލްޑް ކަޕް ކަވަރޭޖް ޝޯވ ގައި، ސްޕެއިނުގެ އަންސޫ ފާޓޫ އާއި އަލެހަންދްރޯ ބާލްޑޭ އަށް ނިސްބަތްކޮށް "ހަން ކަޅު ދެ ކުޅުންތެރި" ކަމަށް އޭނާ ބުނުމުން، އެއީ ނަސްލީ ގޮތުން ފުރައްސާރަކުރުން ކަމަށް ބުނެ އާއްމުން އޭނާ އަށް ފާޑުކިޔަން ފެށުމާއި ގުޅިގެންނެވެ.

ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުން 3-0އިން މޮރޮކޯ މޮޅުވި މެޗަށް ފަހު އެނަލައިލިސް ދެމުން އޭނާ ބުނީ ސްޕެއިނަށް މެދުތެރެއިން ޕާސް ޖަހައިގެން މޮރޮކޯގެ ޑިފެންސް ލައިން ފޫއަޅުވާނުލެވުނު ކަމަށާއި ދެން މަސައްކަތްކުރީ "ހަން ކަޅު ދެ ކުޅުންތެރިން [ފާޓޫ އާއި ބާލްޑޭ] އަރުވައިގެން އަރިމަތިން މޮރޮކޯގެ ޑިފެންސް ތޮރުފާލަން ކަމަށެވެ.

ޒަރިޔަންދު، ބުނީ ހަން ކަޅު ދެ ކުޅުންތެރިން [ފާޓޫ އާއި ބާލްޑޭ] އަރުވައިގެންވެސް ފައިދާއެއް ނުކުރި ކަމަށެވެ.

ޒަރިޔަންދު ކުރި ޓްވީޓެއްގައި ބުނީ، 21 އަހަރުގެ ފުޓުބޯޅަ ކެރިއަރަށް ފަހު، އެނަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ފުޓުބޯޅައަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި ކޮންމެ ކުޅުންތެރިޔަކަށް ވެސް ލޯތްބާއިއެކު އިހުތިރާމުކުރާ ކަމަށެވެ.

މިމައްސަލައިގައި ދައުލަތުގެ މީޑިއާގެ ސްޕޯޓްސް ހެޑް، ހުސައިން ފަރިޔާޒް "ވީނިއުސް" ވިދާޅުވީ، ލައިވް ޓީވީގައި ގޯހެއް ހިނގައިފި ނަމަ އެކަން ބަލާނެ ނިޒާމެއް ޕީއެސްއެމްގައި އޮންނަ ކަމަށެވެ. ޒަރިޔަންދުގެ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އޮންނަ އުސޫލުތަކުގެ ތެރެއިން އެމައްސަލައެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.