ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 28.8 އިންސައްތަ އިތުރުވެފައިވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ދައުލަތުގެ ޚަރަދުތަކާއި ޢާމްދަނީގެ ތަފްސީލް ހާމަކުރުމަށް ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުން ދައްކާގޮތުގައި ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 24.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
ޓެކްސް އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް 17.9 ބިލިއަން ރުފިޔާ ލިބިފަވާއިރު މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 13.2 ބިލިއަން ރުފިޔާއެވެ.
ދައުލަތައް މި އަހަރު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ކަމަށް ވާއިރު، ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ޓެކުހުން ލިބުނު އާމްދަނީއަށް ވަނީ 35 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.
ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް އާއި ބީޕީޓީގެ އިތުރުން ޖީއެސްޓީއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓް ޑިއުޓީން 3.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިހާތަނަށް ބީޕީޓީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ލިބިފަވާއެވެ. އަދި ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިމުއްދަތުގައި 8.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ.
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް ހުރީ 33.5 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 29.5 ބިލިއަނުގައެވެ.
އިދާރީ އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި އަހަރުގެ މިހާތަނަށް 14.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ.