ޔޫޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްސަ އޮފީހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށް، ޔޫޓިލިޓީ ޚިދުމަތްތައް އެއް ފުރާޅެއް ދަށަށް ގެންނަން ނިންމައިފިއެވެ.
ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، (އެޗް.ޑީ.ސީ)އިން ހާމަކުރި ގޮތުގައި، ހުޅުމާލޭގެ "ހިޔާ" ސަރަހައްދުގައި ޔޫޓިލިޓީގެ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވަނީ ރައްޔިތުންނަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ.
އެ ޚިދުމަތްތައް އެއްފުރަލެއް ދަށުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ނައިބުރައީސް ފައިޞަލް ނަސީމް ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ މި ޒިޔާރަތުގައި ދެވަނަ ފިޔަވަހީގައި މިވަގުތު ދެމުން އަންނަ ޔޫޓިލިޓީ ޚިދުމަތްތަކުގެ ޙާލަތު ބައްލަވާލައްވާ، އެ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. ނައިބުރައީސް ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ބައެއް ތަންތަނަށް ޒިރާރަތްކުރައްވައި އެތަންތަން ބައްލަވާލައްވާފައެވެ.
ނައިބުރައީސްގެ އަރިހުގައި މިޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފްއާއި، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖާއި، އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހުގެ އިތުރުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާޠިފް ބައިވެރިވެވަޑައިގެންނެވިއެވެ.
ޔޫޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްސަކޮށްފައިވާ އޮފީސް ގާއިމުކުރަނީ "ހިޔާ 11" ގެ ގްރައުންޑް ފްލޯގައެވެ.