ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ކޮވިޑްބަލި ހަލުވިކަމާއެކު ފެތުރޭން ފެށުމުން، އާންމުން ގެތަކަށްވަދެ، މަގުތައް ހުސްވެއްޖެއެވެ.
ބެއިޖިންގުގައި ކޮވިޑްގެ އައުޓްބްރޭކް ތަކާއެކު ކޮވިޑްބަލި ހަލުވިކަމާއެކު ފެތުރޭން މިފެށީ، ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށިތާ ހަފްތާއެއް ފަހުންނެވެ.
ބެއިޖިންގުގައި މަގުތަކަށް ނުކުމެ އުޅުން އާންމުންވަނީ ހުއްޓާލާފައެވެ. ޝޮޕިންގ ސެންޓަރުތަކާއި، ފިހާރަތަކާއި ރެސްޓޯރަންޓްތަކަށް ދިއުން އާންމުންވަނީ ހުއްޓާލާފައެވެ. މަގުތަކަށް ނުކުމެ އުޅޭ ބަޔަކުވެސް އެކަކު އަނެކަކާ ގާތްނުވެ ގައިދުރުކަން ބަހައްޓަން ފަށައިފިއެވެ.
ކުރިން މީހުންނާއިގެން ތޮއްޖެހިފައި އޮންނަ ފިހާރަތަކާއި ރެސްޓޯރަންޓްތައް މިއަދު އޮތީ ހުސްކޮށެވެ. ރެސްޓޯރަންޓްތަކުން ދެނީ ޓެކްއަވޭގެ ޚިދުމަތެވެ.
ޗައިނާގެ ގިނަ ސިޓީތަކެކޭ އެއްފަދައިން ވެރިރަށް ބެއިޖިންގވެސް މިހާރު އޮތީ ގާތްގަނޑަކަށް ލޮކްޑައުންގެ ހާލަތުގައެވެ.
މިއީ، ޗައިނާގައި ކޮވިޑް ފެތުރޭން ފެށިފަހުން ވެރިރަށް ބެއިޖިންގެ ހާލަތު މިހާ ގޯސްވެގެންދިޔަ ފުރަތަމަ ފަހަރެވެ.
މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ބެއިޖިންގެ ގިނަ އޮފީސްތަކުންވެސް ސްޓާފުން މަދުކޮށް، އެހެން އިންތިޒާމުތައް ގެންދަނީ ހަމަޖައްސަމުންނެވެ. ކޮވިޑްގެ ހާލަތު ގޯސްވުމުން ގިނަ މީހުން އޮފީސްތަކަށްވެސް ނުދެއެވެ.
ޗައިނާގެ އެހެން ރަށްތަކުގައި ކޮވީޑްގެ ހާލަތު ގޯސްވެގެންދިޔައިރު، ވަރަށް ބޮޑަށް މޮނިޓަރ ކުރެވިގެން ވެރިރަށުގެ ބަލީގެ ހާލަތު ބެލެހެއްޓެމުން ދިޔަ ނަމަވެސް ބެއިޖިންގުގެ މިހާރުގެ ހާލަތު ސާފުކޮށް ނޭނގޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ، ބަލިޖެހޭ މީހުންގެ ރެކޯޑް ބެލެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަލަށް ޕޮޒިޓިވްވެގެން ރެކޯޑްކުރާ އަދަދުތަކުގައި، ޕޮޒިޓިވްވިޔަސް ބަލީގެ އަލާމާތް ނުފެންނަ މީހުން ނުހިމަނާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ބުދަ ދުވަހުގެ ހެނދުނު ޗައިނާއިން 2،249 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. މީގެތެރެއިން 20 އިންސައްތަ މީހުންނަކީ ވެރިރަށް ބެޖިންގުގެ މީހުންނެވެ.
ބަލީގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ވެރިރަށް ބެއިޖިންގުގެ ސިއްހީ އޮފިޝަލުން ގެންދަނީ، ބަލީގެ ހާލަތު ގޯސްނޫން މީހުން އިމަޖެންސީ ޚިދުމަތަށް ނޭދުމަށް އަންގަމުންނެވެ.
ޗައިނާގައި ކޮވިޑްބަލި ހަލުވިކަމާއެކު ފެތުރެމުންދަނީ، އެގައުމުގެ ރައްޔިތުންނަށް ޗައިނާއިން އަމިއްލަޔަށް އުފައްދާ ވެކްސިން ދީފައިވާތީ ކަމަށް ތަޖުރިބާކާރުން ލަފާ ކުރައްވައެވެ. އޮމިކްރޮން ވޭރިއެންޓާ ދެކޮޅަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ދެމުންގެންދާ އެމްއާރްއެންއޭ ވެކްސިނުން ދިފާއު މާ ވަރުގަދަ ކަމަށްވެސް ވިދާޅުވެއެވެ.
އެހެން ނަމަވެސް، ޗައިނާގެ ވެރިން ވިދާޅުވެފައިވަނީ، ބޭރުން ވެކްސިން އެތެރެކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.