އޮލިމްޕަހުގައި އެކިއެކި ޙަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން އެޑްވާންސް ބުކިންގް ހެއްދުމަށް ނޭޝަނަލް ސެންޓާރ ފޯ ދި އާޓްސް (އެން.ސީ.އޭ) އިން އިލްތިމާސްކޮށްފިއެވެ.

އެން.ސީ.އޭ އިން ބުނީ އޮލިމްޕަހުގައި ހިމެނޭ ޕްރެކްޓިސް ރޫމްތަކާއި އޮލިމްޕަސް ހޯލު ބުކް ކުރެވޭނީ އަންނަ ޖެނުއަރީމަހުގެ 15 ވަނަ ދުވަހުން ފެށިގެންކަމަށެވެ. އޮލިމްޕަސް އަލުން ބުކް ކުރަން އެން.ސީ.އޭ އިން ހުޅުވާލާފައިވާއިރު، ކޮވިޑްގެ ޢާލަމީ ބަލިމަޑުކަމާއި ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދު ކުރިއިރު ފިލްމު ދެއްކުމަށް އޮލިމްޕަސް ބުކްކޮށް، އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށްވެސް އެން.ސީ.އޭއިން ހާމަކުރެއެވެ.

އޮލިމްޕަސް ހޯލާއި ޕްރެކްޓިސް ރޫމްތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި އަދި އޮލިމްޕަސް ހޯލާއި ޕްރެކްޓިސް ރޫމްތައް ކުއްޔަށްހިފުމަށް އެދި ހުށަހަޅާ ފޯމު އެން.ސީ.އޭގެ ވެބްސައިޓްގައި ލިބެން ހުންނާނެކަމަށާއި ފޯމު ހުށައަޅާނީވެސް އެން.ސީ.އޭގެ ވެބްސައިޓަށްކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

އޮލިމްޕަހަކީ 21 މޭ 1959 ގައި ޕަރފޯމިންގ އާޓްސް ދާއިރާއަށް ޚާއްޞަ ކުރެވިގެން ރާއްޖޭގައި ހުޅުވުނު އެންމެ މުހިންމު ބިނާއެވެ. ވޭތުވެދިޔަ ދިގު މާޒީގެ އެންމެ ފުންނާބުއުސް ދިވެހިފަންނުވެރިންގެ އުފެއްދުންތައް ހުށަހަޅާދީފައިވަނީވެސް އޮލިމްޕަހުގައެވެ.

އޮލިމްޕަހުގައި ދިވެހި ފިލްމާއި މިއުޒިކް އަދި ތަމްސީލު ޝޯތައް ބޭއްވުމަށާއި އެނޫންވެސް ފަންނުވެރިންގެ އެކިއެކި ޙަރަކާތްތައް އިންތިޒާމްކޮށް ބޭއްވުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިންވަނީ އޮލިމްޕަސް ކުއްޔަށް ދޫކުރުމުގައި ޢަމަލު ކުރެވޭނެ ގޮތުގެ އުޞޫލެއްވެސް އާއްމުކޮށް ޢިއުލާނުކޮށްފައެވެ.

އޮލިމްޕަސް ހުޅުވާލަން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

އޮލިމްޕަސް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ފިލްމީ ދާއިރާގެ މީހުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.