ފުވައްމުލަކު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައި، އަލަށް ފަށާ ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެރަށުގައި އޮތް ރަސްމިއްޔާތެއްގައި އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވާ އަލަށް ފަށާ ޚިދުމަތްތައް އިފްތިތާހްކޮށްދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމްއެވެ.
މިރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ޚިދުމަތް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ. މިގޮތުން ފުވައްމުލަކު ހޮސްޕިޓަލުގައި ހުޅުވުނު މިއައު އިމާރާތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުނު އިމާރާތެއްކަމުގައި ފައިޞަލް ވިދާޅުވިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި މިރޭ އިފްތިތާޙް ކުރެވުނު އައު ޚިދުމަތްތަކުގެ ތެރޭގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ހިމެނޭއިރު، ނައިބު ރައީސް ވިދާޅުވީ، ފުވައްމުލަކުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބެންފެށުމަކީ ފުވައްމުލަކުގެ ރައްޔިތުން ކުރި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ފުވައްމުލަކު ހޮސްޕިޓަލްގެ ތަރައްޤީއަށް މި ސަރުކާރުން މުހިއްމު ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ.
މިގޮތުން 2019 ވަނަ އަހަރު ފުވައްމުލަކު ހޮސްޕިޓަލްގައި، ދަތުގެ ފަރުވާ އާއި ޑަޔަލަސިސްގެ ޚިދުމަތް ފެށިގެން ދިޔަކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ފުވައްމުލަކުގައި އުމުރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން މަގުހެދުމާއި، ފުވައްމުލަކު ސްކޫލުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ޚާއްސަގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި ފައިސަލްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ފާއިތުވި 40 އަހަރުގެ ތެރޭގައި ފުވައްމުލައް ސިޓީގައި ހިންގިފައި ނުވާހައި ގިނަ މަޝްރޫޢު މިހާރު ހިންގެމުންދާ ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ފުވައްމުލަކު ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންވެސް އޯގާތެރިކަމާއި ހިނިތުންވުމާއިއެކު ޚިދުމަތް ދިނުމަށް އެދިވަޑައިގެންފައެވެ.
ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރެވުނު ބައިގައި ހިމެނެނީ އޯޕީޑީ ރޫމްތަކަކާއި ލެބޯޓަރީއެވެ. އަދި އެހޮސްޕިޓަލުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަކީ، ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އަދި ނަފްސާނީ ބަލީތަކުގެ ފަރުވާއެވެ. އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ.