ފާއިތުވެދިޔަ ހަފުތާގައި ރާއްޖެއިން 15 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 185،666އަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 15 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން މާލެއިން ކޮވިޑަށް ޕޮޒިޓިވްވީ 4 މީހުންނެވެ.
އަދި އަތޮޅުތެރޭގެ ރަށްތަކުން ކޮވިޑަށް 4 މީހަކު ޕޮޒިޓިވްވެފައިވާއިރު އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްތަކުން ވެސް 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން ބުނީ، ބަލިޖެހިގެން 2 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި، ބަލީގައި ރާއްޖެއިން ޖުމްލަ 311 މީހަކު މަރުވެފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގެ ކުރީގެ ހަފްތާގައި ރާއްޖޭން 19 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 9 މީހަކު ނިސްބަތްވަނީ ގްރޭޓާ މާލެ ސަރަހަށްދަށެވެ. 3 މީހަކު އަތޮޅު ތެރޭގެ ރަށްތަކަށް ނިސްބަތްވާއިރު، 7 މީހުން ނިސްބަތްވަނީ ރިސޯޓްތަކާއި، އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްތަކަށްކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. 6 މީހަކަށް އެ ހަފްތާގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދީފައިވެއެވެ.
ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދައްވަމުން ދާއިރު މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1000 މައްޗަށް އަރާފައެވެ. އަދަދު ދަށަށްދާން ފެށީ އޮގަސްޓު މަހުގެ ކުރީކޮޅުއެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް އަބަދުވެސް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވާއިރު، މާސްކް އެޅުމަށާއި ގިނަގިނައިން އަތް ދޮވުމަށާއި އަދި ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހައި އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރަންޖެހޭނެއެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެކަހެރިވުމާއި އެއްތާވި މީހުންގެ މައުލޫމާތު ފޯރުކޮށްދިނުން މުހިންމެވެ.