'ޝަރިއާ ސްކޮލަރސް ޑައިލޮގް' ނަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޯރަމެއް ބާއްވައިފިއެވެ.
މި ފޯރަމްގެ މަގުސަދަކީ ރާއްޖޭގެ އިސްލާމިކް ފައިނޭންސް ދާއިރާ އަށް ދިމާވާ ގޮންޖެހުތަކާއި އެ ގޮންޖެހުންތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށް އެމްއެމްއޭއިން މަޢުލޫމާތުދެއެވެ. މި ފޯރަމްގައި އިސްލާމިކް ފައިނޭންސް ދާއިރާގެ ބޭފުޅުން އެމްއެމްއޭ ޝަރިއާ ކައުންސިލްއާއި ކުރަން ބޭނުންވާ ސުވާލުތައް ކޮށް ދާއިރާ އާއި ގުޅޭ ކަންކަމުގައި މަޝްވަރާކޮށްފައިވާކަމަށްވެސް އެމްއެމްއޭއިން ހާމަކުރެއެވެ.
މި ފޯރަމްގައި ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ އިސްލާމިކް ފައިނޭންޝަންލް އިންސްޓިޓިއުޝަންތަކުން ބައިވެރިވިއެވެ. އަދި މި ފޯރަމްގައި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ގުޅިގެން އިސްލާމިކް ފައިނޭންސިން ކުރިއެރުވުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނުކަމަށްވެސް އެމްއޭއިން ބުނެއެވެ.
މި ފޯރަމްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމް ވިދާޅުވީ އެމްއެމްއޭގެ ޕޮލިސީތައް ބައްޓަންކޮށްފައި ހުންނާނީ އިސްލާމިން ފައިނޭންސް އިންސްޓިޓިއުޝަންތަކަށް ވެސް އެހެން ފަރާތްތަކާއި ވާދަ ކުރެވޭނެހެން ފަހި ގޮތަކަށް ކަމަށެވެ. އަދި މި ފޯރަމްގައި ލިބޭ ޚިޔާލާއި މަޝްވަރާއާއެކު ޕޮޒިޓިވް ބަދަލުތަކެއް ގެނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.