ލޯކަލް އޮތޯރިޓީ ކޮމްޕެނީ ރަޖިސްޓްރީކޮށް ވިޔަފާރިކުރުމުގެ ހުއްދަ އއ.ތޮއްޑޫ ކައުންސިލަށް އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޢިދާރީ ދާޢިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އަލަށް ގެނެވުނު އިޞްލާހުތަކުގެ ދަށުން ފުރަތަމަ ރަޖިސްޓްރީކުރި ކޮމްޕެނީއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ތޮއްޑޫ ކައުންސިލާއި ކުންފުނީގެ ރަޖިސްޓްރީ ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ. އަދި ތޮއްޑޫ ކައުންސިލުގެ ފަރާތުން ރަޖިސްޓްރީއާއި ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރަޢީސް އަޙުމަދު ކަރަމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވަނީ ލޯކަލް ކޮމިއުނިޓީތަކުގައި އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ލޯކަލް އޮތޯރިޓީ ކުންފުނިތައް އުފެއްދުމަށް ކައުންސިލްތަކަށް ބާރު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފ އެވެ. އަދި މިއީ މުޖުތަމައުގެ ބޭނުންތަކަށް ޚާއްސަކޮށްގެން ދެމެހެއްޓެނިވި ހައްލުތައް ތަރައްގީ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް ފައްޔާޟް ފާހަގަކުރެއްވިއެވެ.

ފުރަތަމަ ރަޖިސްޓްރީކުރެވުނު ލޯކަލް އަތޯރިޓީ ކޮމްޕެނީއާއި ބެހޭގޮތުން ތޮއްޑޫ ކައުންސިލުން ބުނީ އުންމީދަކީ މި ކޮމްޕެނީ މެދުވެރިކޮށް ކައުންސިލްގެ ތަރައްޤީގެ ޕްލޭންގައި ލިޔެވިފައިވާ ކަންކަންވީ އެންމެ ހަލުވި ބާރުމިނެއްގައިކޮށް ތޮއްޑޫގެ ރައްޔިތުންނަށް އެކަމުގެ ނަފާ ލިބިގެންދިއުން ކަމަށެވެ.

ދިވެހިރާއްޖޭގެ ޢިދާރީ ދާޢިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި 2010ވަނަ އަހަރު ސަރުކާރުން އެކުލަވާލައި ޢަމަލުކުރަމުން އަންނަ ޤާނޫނެކެވެ.