55 އަހަރު ނުވިކަމުގައި ވިޔަސް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުންނަށް މަޤާމުން ވަކިވެވޭނެ އުސޫލު ބަޔާންކުރާ "ފަނޑިޔާރުންގެ ރިޓަޔަރމަންޓް ގަވާއިދު" މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.

މި ޤަވާއިދުގައި ވާގޮތުން ފަނޑިޔާރުކަމުގައި 10 އަހަރުދުވަހު ޚިދުމަތް ކޮށްފައިވާ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއެކު މަޤާމުން ވަކިވެވޭނެއެވެ. ނަމަވެސް 10 އަހަރު ދުވަހު މަޤާމުގައި ޚިދުމަތްކުރި ނަމަވެސް ފާއިތުވި އެއް އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މައްސަލައެއް ސާބިތުވެ ނަސޭހަތްދީފައިވާ ފަނޑިޔާރުންނާއި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ސުލޫކީ މައްސަލައެއް ސާބިތުވެ ތިންމަސް ދުވަހަށް ސަސްޕެންޑްކޮށް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ފަނޑިޔާރުންނަކަށް މަޤާމުން ވަކިވުމަށް ހުށައެއް ނޭޅޭނެއެވެ.

މީގެކުރިން ފަނޑިޔާރުންނަށް މަޤާމުން ރިޓަޔާވެވޭނީ އުމުރުން 55 އަހަރު ވުމުންނާއި ސިއްޙީ ސަބަބަކާ ހުރެ މަޤާމުން މުސްކުޅިކޮށްދިނުމުންނާއި 70 އަހަރުވުމުން އޮޓޮމެޓިކުން ވަކިވުމުންނެވެ.

މި ގާނޫނުގައިވާ ގޮތުން ޝަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންނަށް އެއްފަހަރާ ދެވޭ ޢިނާޔަތުގެ ގޮތުގައި ފަނޑިޔާރަކު ފަނޑިޔާރުކަމުގައި ޚިދުމަތްކޮށްފައިވަނީ 30 އަހަރަށްވުރެ ކުރު މުއްދަތެއްގައި ކަމަށް ވާނަމަ އަސާސީ މުސާރައިގެ ތިންބައިކުޅަ އެއްބައި އެ މީހަކު ފަނޑިޔާރުކަމުގައި ޚިދުމަތްކުރި މުއްދަތާއި ގުނަކުރުމުން ލިބޭ މިންވަރު އެއްފަހަރާ ލިބޭނެއެވެ.

ފަނޑިޔާރަކު ފަނޑިޔާރުކަމުގައި ޚިދުމަތްކޮށްފައިވަނީ 30 އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކަމަށް ވާނަމަ އަސާސީ މުސާރައިގެ ދެބައިކުޅަ އެއްބައި އެ މީހަކު ފަނޑިޔާރުކަމުގައި ޚިދުމަތްކުރި މުއްދަތާއި ގުނަކުރުމުން ލިބޭ މިންވަރު އެއްފަހަރާ ލިބިގެންދާނެއެވެ.

އަދި މި ފަނޑިޔާރުންނަށް މަހުން މަހަށް ދެވޭ ޢިނާޔަތުގެ އިތުރުން އެހެނިހެން ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ އާއިލީ މެޑިކަލް އިންޝުއަރެންސް ޕެކޭޖާއި ސަލާމަތީގޮތުން އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޙިމާޔަތާއި ރައްކައުތެރިކަން ހަމަޖެހިގެންދާނެއެވެ.

މި އިނާޔަތްތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިންތިޒާމުކޮށްގެން ހަމަޖައްސައިދޭން ގާނޫނުގައި ބުނާއިރު މެޑިކަލް އިންޝުއަރެންސް ހަމަޖެއްސުމާއި، އެކަމާ ގުޅުންހުރި އެންމެހައި ކަންކަން އިންތިޒާމުކޮށް ހަމަޖައްސާނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އަދި މި މާއްދާގައި ބަޔާންކޮށްފައިވާ މާލީ ޢިނާޔަތްތައް، އެ ފަނޑިޔާރަކު މަޤާމުން ވަކިވާ ދުވަހުން ފެށިގެން އެމީހަކަށް ލިބިދޭންވާނެކަންވެސް ވަނީ ބަޔާންކޮށްފައެވެ.

މިއަދުން ފެށިގެން މި ގަވާއިދަށް ޢަމަލުކުރަން ފަށާފައިވާއިރު މި ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، ކުރިން ޢަމަލުކުރަމުންދިޔަ އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް، ޞިއްޙީ ސަބަބުތަކަށްޓަކައި އަމިއްލައަށް އެދިގެން މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދާއި އެ ޤަވާއިދަށް ގެނެސްފައިވާ އިޞްލާޙުތައް އުވިގެންދާނެއެވެ.