ރާއްޖޭގެ އާބާދީގެ 56 އިންސައްތަ މީހުންނަކީ ކޮންމެ ދުވަހަކުވެސް ދުފާ މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ސްޓެޕް ސާވޭގެ ނަމުގައި މިއަހަރު ހެދި މި ދިރާސާގައި ވާގޮތުން އާބާދީގެ ކޮންމެ 5 މީހަކުން 4 މީހުންނަކީ ދުފުމުގައި ފޯއް އަދި ސުޕާރި ބޭނުންކުރާ މީހުންނެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކޮންމެ ދުވަހަކުވެސް ދުފުމުގައި ފޯއް އަދި ސުޕާރި ބޭނުންކުރާ ކަމަށްވެސް ދިރާސާގެ މަޢުލޫމާތުން ހާމަވެފައިވެއެވެ.
ދުފުމަށް ބޭނުންކުރާ ސްޕާރީ، ފޯއް، ބިލަތް އަދި ހުނީގެ ސަބަބުން އަނގަ އާއި ކަރުތެރޭގެ ކެންސަރަށް މަގުފަހިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. އަދި ފޯއް/ ސުޕާރީފަދަ ތަކެތީގެ ބަދަލުގައި ފޮނިތޮށި، ދިރި، ކާދޫރުތޮޅީގެ އިތުރުން ކަރަންފޫ ބޭނުންކުރެވިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭ އިން ވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސް ފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ތަމްސީލުވާ ގޮތަށް ސްޓެޕް ސާވޭ ކުރިއަށްގެންގޮސްފައެވެ.
އެޗްޕީއޭގެ އިސްނެގުމުގެ ދަށުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ގުޅިގެން ކުރިޔަށް ގެންދިޔަ މި މަސައްކަތުގެ ދަށުން މައުލޫމާތު އެއްކުރުމަށް ގޭގެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މި ދިރާސާ ކުރިއަށްގެންގޮސްފައިވަނީ އުމުރުން 15 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުން ބޭނުންކޮށްގެންނެވެ.
ދިވެހިންގެ އާބާދީގެ ބޮޑު އިންސައްތައެއް ސިއްހަތަށް ފައިދާ ހުންނަ އެއްޗެހި ކެއުމަށާއި ކަސްރަތު ކުރުމަށް އަހަންމިއްޔަތުކަން ނުދޭތީ ގައިންގަޔަށް ނާރާ ބަލިތައް ދިވެހިންގެ ތެރޭގައި ކަންބޮޑުވާ މިންވަރަކަށް ހުރި ކަމަށް ދިރާސާއިން ދައްކައެވެ.