ކުދިކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމެއް ކަމުގައިވާ މިކުޑަކުޑަ ރާއްޖެއަކީ ތިމާވެށީގެ ގޮތުން އެންމެ ނާޒުކު އެއް ގައުމެވެ. މިގޮތުން ކުނީގެ މައްސަލައަކީ ތިމާވެށީގެ ގޮތުން ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެހެންކަމުން، މިމައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ދެކިގެން އަދުގެ ސަރުކާރުން ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މިގޮތުން ކުނި މެނޭޖުކުރުމުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި ކުނި މެނޭޖުކުރުމުގެ ޤާނޫނެއް މިވަނީ ވުޖޫދުކޮށްފައެވެ. މިޤާނޫނު ވަނީ 18 ޑިސެންބަރު 2022ވީ ދުވަހު ރައީސުލްޖުމްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާފައެވެ. މި ބިލަކީ، 2022 ނޮވެމްބަރު 28ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ސާފުތާހިރު ވެއްޓެއް ބިނާ ކުރުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ. ކުނިބުނިން ސަލާމަތްވެފައިވާ ތިމާވެއްޓެއްގައި ދިރިއުޅުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެން ދާނީ އެތަނެއްގައި ދިރިއުޅޭ ހުރިހާ ފަރުދުންގެ ފުރިހަމަ، އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ. ރާއްޖެ ފަދަ ނާޒުކު ގައުމަކަށް ރަނގަޅު ގޮތުގައި ކުނި މެނޭޖުނުކުރެވިއްޖެ ނަމަ ކުނީގެ ޝިކާރައަކަށްވެ ތިމާވެއްޓާއި ގައުމުގެ އިޤްތިޞާދަށް މިކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ. މިނަލަނަލަ ރާއްޖޭގެ ރީތިކަން ފަނޑުވެގެން ދިއުމަކީ ދިވެހި ރައްޔިތުން ދެކެން ބޭނުންވާނެ މަންޒަރެއް ނޫންކަން ޔަގީނެވެ. ކުނި މެނޭޖުކުރުމުގެ ޤާނޫނުން ގެނެސްދެނީ މިކަމުގެ ހައްލެވެ.

ކުނި މެނޭޖުކުރުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތުގައި ރާވައި ހިންގައި، ކުނިން ކުރާ ނޭދެވޭ އަސަރުތައް ނައްތާލައި ނުވަތަ މަދުކޮށް، ތިމާވެއްޓާއި ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތްތައް ކަނޑައެޅުމުގެ ޤާނޫނެވެ. އެގޮތުން މި ޤާނޫނުގައި ކަނޑައަޅާފައިވާ ކުރުން މަނާ ކަމެއް ކޮށްފި ނަމަ އަޅާނެ އިދާރީ ފިޔަވަޅުތަކާ އަދަބުތަކާ، ޖިނާޢީ ދަޢުވާކުރެވޭނެގޮތް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

2019ގެ ކުރިން ތިލަފުށި

މި ޤާނޫނުން ޙާސިލްކުރަން ބޭނުންވާ މުހިއްމު ބައެއް މަޤުޞަދުތަކުގެ ތެރޭގައި، ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމާއި ޢާންމު ޞިއްޙަތަށް ހުރި ނުރައްކާތައް ކުޑަކުރުމަށް ބާރުއެޅުމާއި، ކުނި އުފެއްދުން ހުއްޓުވުމަށް ބާރު އެޅުމާއި، އުފައްދާ މިންވަރު މަދުކުރުމާއި، އަލުން ބޭނުންކުރުމާއި، ރީސައިކަލްކުރުމާއި، ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމަށް ބާރުއެޅުން ހިމެނެއެވެ. އަދި މީގެއިތުރުން ކުނި މެނޭޖުކުރުމުގެ ނިޒާމުތަކަށް ޤަޞްދުގައިދޭ ގެއްލުމުގެ ސަބަބުން ނުވަތަ ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުންވެސް މިޤާނޫނުގެ މަޤުޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މިޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުނިމެނޭޖު ކުރުމުގެ ސިޔާސަތުތައް ކަނޑައަޅާނީ ތިމާވެއްޓާއި ބެހޭ ވަޒީރެވެ. މީގެ އިތުރުން މިޤާނޫނު ތަސްދީޤު ކުރައްވައި ގެޒެޓްކުރައްވާ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި، ކުނިމަދުކުރުމުގެ ސްޓްރެޓަޖީއެއް ވަޒީރު ކަނޑައަޅުއްވައި އާއްމު ކުރަންޖެހޭނެ ކަމަށާއި އަދި ކުނިމެނޭޖު ކުރުމުގެ ޤައުމީ މާސްޓަރ ޕްލޭންވެސް 12 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަން ޖެހޭނެ ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ކުނި އުފެއްދުން މަދުކުރުމާއި، ކުންޏަކީ އަގެއްހުރި އެއްޗަކަށް ބަދަލުކުރުމަށް ހިންގާ ޙަރަކާތްތައް ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން ދެވިދާނެ ޢިނާޔަތްތައް ބަޔާންކުރާ ޢަމަލީ ޕްލޭނެއް މިނިސްޓްރީން އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލައި އާއްމުކުރަންޖެހޭނެއެވެ. މީގެ އިތުުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބާވަތްތައް މަދު ކުރުމާއި، ވިޔަފާރީގެ މުއާމަލާތްތަކުގެ ބޭނުން ކުރާ ޕްލާސްޓިކްކޮތަޅުން ފީ ނެގުމާއި، އަދި ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ކުރާ ފަރާތްތައް ޖޫރިމަނާކުރުމުގައި އަމަލުކުރާނެ ގޮތާއި، ޖޫރިމަނާގެ މިންވަރުވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އިދާރީ ފިޔަވަޅުތައް ބަޔާންކޮށް، ޖިނާޢީ ދަޢުވާކުރެވޭނެ ކަމަށް ކަނޑައަޅައި ކުށުގެ އަދަބުތައްވެސް ބަޔާންކޮށްފައިވެއެވެ.

މިޤާނޫނުގެ ސަބަބުން ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖުކުރުމަށް ހުރި ހުރަސްތައް ނެތިގެންދާނެއެވެ. އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމާއި މެދު ހޭލުންތެރިކަން އިތުރު ކުރެވިގެންދާނެއެވެ.