ޗައިނާއާއި، ދުނިޔޭގެ އެހެން ދިމަދިމާގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ސަވެއިލެންސް ވަރުގަދަކުރަން އިންޑިއާގެ މައި ސަރުކާރުން، ހުރިހާ ސްޓޭޓް ސަރުކާރުތަކަށް އަންގައިފިއެވެ.

އަދި ކޮވިޑްގެ އައު ވޭރިއެންޓެއް، އެއިން އެއްވެސް ސްޓޭޓެއްގައި އުޅޭތޯ ބެލުމަށްވެސް އަންގާފައި ވެއެވެ.

އިންޑިއާއަކީ މުޅި ދުނިޔޭގައިވެސް ކޮވިޑްގެ ހާލަތު ދެވަނައަށް އެންމެ ގޯސްވެގެންދިޔަ ގައުމެވެ. ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސްވީ އެމެރިކާގައެވެ.

ވޭތުވެދިޔަ މަސްތަކުގައި އިންޑިއާގެ ކޮވިޑް ރެކޯޑަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް ދައްކައެވެ. އިންޑިއާއިން މިހާރު ހަފްތާއެއްގެ މައްޗަށް 1،200 މީހުން އަލަށް ޕޮޒިޓިވްވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ކޮވިޑް ފެތުރުން ހުއްޓުވަން އަވަށްޓެރި ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވާލުމާއެކު ބަލިޖެހޭ މީހުންގެ އަދަދުތައް ކުއްލިއަކަށް ވަރަށް މައްޗަށް ދިއުމާ ގުޅިގެން، ބަލިޖައްސާ އައު ވޭރިއެންޓެއް އުޅޭކަމުގެ ކަންބޮޑުވުންތައް ވަނީ އުފެދިގެން ގޮސްފައެވެ.

ޗައިނާގެ އިތުރުން، ޖަޕާން، އެމެރިކާ، ދެކުނު ކޮރެއާ، ބްރެޒީލްގައިވެސް ކޮވިޑްގެ ހާލަތު ގޯސްވާން ފަށާފައި ވެއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ހެލްތު ސެކްރެޓަރީ ރާޖޭޝް ބުޝާން، ސްޓޭޓް ސަރުކާރުތަކަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ބަލިޖެހުނީ ކޮން ވައިރަހަކުންދޭ ދެނެގަތުމަށް ޓެސްޓްހެދުން މުހިންމު ކަމަށެވެ.

ވަގުތުން ސީކުއެންސިންގ ހެދުމަކީ، ކުރިން ވައިރަސްގެ ބާވަތް ދެނެގަނެވި ފިޔަވަޅު އެޅުމަށް މުހިންމު ކަމެއް ކަމަށްވެސް ރާޖޭޝް ބުޝާންގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އެހެންވެ، ޕޮޒިޓިވް ކޭސްތަކުގެ ސާމްޕަލް ލެބޯޓަރީތަކަށް ފޮނުވަމުން ގެންދިއުމަށް އަންގާފައި ވެއެވެ. މިފަދަ 54 ލެބޯޓަރީއެއް އިންޑިއާގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައި ވެއެވެ.

މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ކޮވިޑްގެ ހާލަތު ރިވިއުކުރަން، ހެލްތު މިނިސްޓަރ މަންސޫޚް މަންޑަވިޔާ، ސިއްހަތާބެހޭ އިސް އޮފިޝަލުންނާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

1.4 ބިލިއަން މީހުންގެ އާބާދީއެއް ހިމެނޭ އިންޑިއާގެ ރައްޔިތުންނަށް މިހާތަނަށް 2.2 ބިލިއަން ޑޯޒްގެ ވެކްސިން ޖަހާފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖަޕާން، ކޮރެއާ، އެމެރިކާ، ބްރެޒިލް އަދި ފްރާންސްގައިވެސް ކޮވިޑްގެ ކޭސްތައް އިތުރުވާން ފަށާފައި ވެއެވެ.

މުޅި ދުނިޔެއަށް ބަލާއިރު، މިހާރު ހަފްތާއެއްގެ މައްޗަށް 3.5 މިލިއަން މީހުންނަށް ކޮވިޑްޖެހޭ ކަމަށް ރިޕޯޓްކުރަމުންދާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.