ދޮގެއްވެސް ނޫނެވެ. މިތާކުނެތް ބޭނުންނުވާ އެކައްޗެއްވެސް. ހަމަ އަސްލުގަވެސް މިތާގައި ހުރީ ހުސް ބޭނުންވާ ޒާތުގެ ސާމާނުތަކެވެ. މިފަހަރު މިބަލާލަނީ ދުނިޔޭގެ ބާޒާރަށް އަލަށް ނުކުތް ކުދި އެހެނަސް އެހާމެ ބޭނުންތެރި ބައެއް ސާމާނަށެވެ. ހާއްސަކޮށް ގޭތެރޭގައި ބޭނުންކުރެވޭޒާތުގެ އާދަޔާ ޚިލާފު އާ އުފެއްދުންތަށެވެ. ގިނަ މީހުން ބުނަނީ މިތާހުރީ ހުސް ބޭނުންވާ އަދި އެހާމެ މުހިންމު ސާމާނުކަމަށެވެ. އެއްބަޔަކު ބުނަނީ މިހާރުވެސް ގަންނަން ބޭނުންކަމަށެވެ.
ސެލްފް ކްލީނިންގ ވޯޓާ ބޮޓްލް
މިޒަމާނަކީ މުޅި ދުނިޔޭގައިވެސް ހަލުވި ބާރުމިނެއްގައި ޕްލާސްޓިކުގެ ބާވަތްތަކާ ދުރުކުރަން ތަފާތު ހަރަކާތަށް ހިންގަމުންދާ ދުވަސްވަރެކެވެ. ޕްލާސްޓިކުގެ އުފެއްދުންތަށް ބޭނުންކުރުން ހުއްޓާލުމަށް ކެންޕެއިންތަކާ، ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އަދި ހޭލުންތެރި ކުރުވުމަށް ގިނަ ޤައުމުތަކުގައި މުޒާހަރާތަށްވެސް ކުރަމުންދާ ޒަމާނެކެވެ. ރާއްޖޭގައިވެސް ފަހަކަށް އައިސް ސަރުކާރުންވެސް މިކަމަށް ވަރަށްބޮޑު އިސްކަމެއްދޭން ފަށައިފިއެވެ. އެގޮތުން ފިހާތަކުން ޕްލާސްޓިކު ކޮތަޅު ބޭނުންކުރުން ވަރަށްބޮޑަށް މަދުކުރަން ފަށައިފިއެވެ. މިއަންނަ އަހަރުން ފެށިގެން، ފިހާރަތަކުންވެސް ހިލޭ ޕްލާސްޓިކު ކޮތަޅު ދިނުން ހުއްޓުމަށް އަންނާނެކަމަށް ބެލެވެއެވެ. ކުރިން ޕްލާސްޓިކު ފްޅީގައި ބަންދުކުރަމުން އައި ބޯފެން ނުވަތަ "މިނަރަލް ވޯޓާ" ވެސް މިހާރުމިވަނީ ބިއްލޫރި ފުޅިއަށް ބަދަލުކޮށް ބާޒާރަށް ނެރެން ފަށާފައެވެ. ފަހަކަށް އައިސް މާލޭގެ ގިނަ ރެސްޓޯރަންޓުތަކުގައިވެސް ފެންނަނީ "ތާޒާ" ފެންވެސް ބިއްލޫރި ފުޅީގައި ބޭނުންވާ ލޭބަލްއެއް ޖެހުމަށްފަހު މޭޒުމަތީގައި ހުއްޓައެވެ. މިކަންކަމުން ހާމަވެގެންދަނީ ރާއްޖޭގައިވެސް މިހާރު ޕްލާސްޓިކާއި ދުރަށް ދިއުމަށް ކުރާ މަސައްކަތްތަށް ކާމިޔާބު ކަމާއެކީ ކުރިޔަށްދާ މަންޒަރެވެ. މަދުން ނަމަވެސް މިހާރުވެސް ސްކޫލްކުދިން ޕްލާސްޓިކު އިޓަވަލްހަން ނުވަތަ ވޯޓާބޮޓްލް ގެންގުޅެއެވެ. ކޮންމެ ދުވަހަކު މިފުޅީގެ އެތެރެ ސާފުކުރަން އެހާފަސޭހައެއް ނޫނެވެ. ފުޅީގެ އެތެރެ ސާފުކޮށް އަޅުން ފުޅިއަށް ފެން އެޅުމަކީ ގަޑިކައިރިވަމުންދާއިރު ގިނަފަހަރު ނުކޮށް ދޫކޮށްލެވޭ ޒާތުގެ ކަމަކެވެ.
މަތީގައި އެވާ "ސެލްފް ކްލީނިންގ ވޯޓާބޮޓްލް" އަކީ ފުޅީގެ އަމިއްލަ ޒާތުގައި އެތެރޭގައި އުފެދޭ މަޑާއި، ވައިރަސް، ފަންގައި، ޕްރޮޓޮޒޯއާ ފަދަ ނުރައްކާތެރި ޖަރާސީމުތަށް މަރާލުމުގެ ޤާބިލުކަން ލިބިފައިވާ ފުޅިއެކެވެ. ފުޅީގެ މަތިގަނޑާއެކު ފަރުމާކުރެވިފައިވާ ސްވިޗަކަށް އޮއްބާލުމުން "ޔޫވީބްރައިޓް" ކިޔާ އަލްޓްރާ ވަޔަލެޓް އެލް،އީޑީ ލައިޓަކުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅި ފުޅީގެ އެތެރެ ސާފުކޮށް ރައްކާތެރިކޮށްލައެވެ. މިފުޅީގެ އެންމެ ހާއްސަކަމަކީ 12 ގަޑިއިރުވަންދެން ހޫނުފެން ނުވަތަ ފިނިކުރި ފެން ރައްކާތެރިކަމާއެކު ފިނިހޫނުމިނަށް ބަދަލެއް ނައިސް ބެހެއްޓޭކަމެވެ. މިއީ ސްކޫލްކުދިންނަށާއި، ކަސްރަތާއި ކުޅިވަރުތަކުގައި އުޅުއްވާ ބޭފުލުންނަށް ވަރަށް ބޭނުންތެރި ފުޅިއެއްގެ ގޮތުގައި ވެގެންދާނެކަން ޔަޤީނެވެ. މިހިނގާ ޑިސެމްބަރުގައި މިފުޅި ބާޒާރަށް ނުކުންނާނެއެވެ. 2023 ވަނަ އަހަރަށް ސްކޫލްތަކުގެ ކިޔެވުންފަށާއިރު މިޒާތުގެ ފުޅި ރާއްޖޭގެ ފިހާރަތަކުގައިވެސް ލިބެން ހުންނާނެކަމަށް އުންމީދުކުރެވެއެވެ.
ސްމާޓް އެއާ ޕަންޕް
ކުއްލިއަކަށް ސައިކަލުގެ ނުވަތަ ކާރުގެ ފޮރޮޅުން ވައިމަދުވެގެން ދުއްވަން އުނދަގޫވާ ފަހަރުތަށް އައުން މިއީ އާއްމުކޮށް ދިމާވާ ކަމެކެވެ. މިސާލަކަށް މާލޭގެ އެންމެ ބޭރުމަގުގައި ދުއްވާފައި ދަނިކޮށް ނުވަތަ ހުޅުމާލެއަށްދާން ބްރިޖުމަތިން ދަތުރުކުރަނިކޮށް ފުރޮޅުން ވައިގޮއްސަ ހުންނަ ފަހަރުތަށްވެސް މަދެއް ނުވާނެއެވެ. މިކަން ރޭގަނޑުގެ ލަސް ގަޑިއެއްގާ ދިމާވާ ފަހަރުތަގުގައި ގޮތް ހުސްވެ މާޔޫސް ވެއެވެ. ފޮރޮޅުގައި ވައިހުސްވެފައި ހުއްޓާ ދުއްވަން ޖެހުމުން، އެކްސިޑެންޓްވުމަށް މަގުފަހިވުމުގެ އިތުރުން ގިނައަދަދެއްގެ ޕެޓްރޯލުވެސް ބޭކާރުގޮތުގައި ހޭދަވެއެވެ.
ވެހިކަލް މަރާމާތުކުރާ ވޯކްޝޮޕުތަށް އާއްމުގޮތެއްގައި ހުޅުވާފައި ހުންނަނީ ދުވާލުއެވެ. ރޭގަނޑުގެ ލަސްގަޑިތަކުގައި މފަދަކަންކަން ދިމާވުމުން ހެދޭނެ އެއްގޮތެއްވެސް ނޯވެއެވެ. ވައިޖެހޭނީ ދެންއަންނަ ދުވަހު ވޯކްޝޮޕް ހުޅުވީމައެވެ. "ސްމާޓް ޕަންޕް" އަކީ މިކަމަށް އޮތް ލުއި އަގުހެޔޮ ހައްލެކެވެ. މިޕަންޕުގައި އިންނަ ސްވިޗަކަށް އޮއްބާލުމުން ވައިޖެހެން ފަށައެވެ. މިޕަންޕާއެކެ ތަފާތު އެތަށް ވައްތަރެއްގެ ނޮޒްލް ނުވަތަ "ދޫ" ގަންނަން ލިބެއެވެ. ފުޓްބޯޅަ، ބާސްކެޓްބޯޅަ، ބައިސްކަލް، ކާރު،ޕިކަޕް، ފުއްޕާހަން ފަދަ ވައިޖަހައިގެން ބޭނުންކުރެވޭ އެތަށް އެއްޗަކަށް މި ޕަންޕުން ވައިޖހާލެވެއެވެ. 2000mahގެ ރިޗާޖަބަލް ބެޓްރީއެކާއެކު 120 ޕީ،އެސް،އައި އަށް ޕްރެޝަރ ލިބޭގޮތަށް ފަރުމާކުރެވިފައިވާ މި ކުޑަކުޑަ ޕަންޕުން ކުޑަހިނދުކޮޅެއްގެ ތެރޭގައި ވައިޖަހާލެވެއެވެ. ބެޓެރީ ފުލް ޗާޖުކުރަން ނަގާނީ 02 ގަޑިއިރެވެ. ވައިޖެހުމަށް ހަމައެކަނި ކޮށްލަންޖެހޭކަމަކީ އެބާވަތަކާއި ގުޅޭ ދޫ ލެއްވުމަށްފަހު، ބެނުންވާ ޕްރެޝަރ ނުވަތަ މިންގަނޑު ހިޔާރުކުރުމަށްފަހު ސްވިޗަށް އޮއްބާލުމެވެ. ބޭނުންވާ މިންވަރަށް ވައިޖެހުނީމާ މީތި އަމިއްލައަށް ނިވޭނެއެވެ. މި ޕަންޕުން މެދު ނުކެނޑި ގާތްގަނަޑަކަށް 40 މިނިޓުވަންދެން ވައިޖެހެއެވެ. ކޮންމެ މީހަކަށްވެސް އެއްވެސް އުނދަގުލަކާއި ނުލައި ބޭނުންކުރޭ މިޕަންޕަކީ ސައިކަލުގެ މަޑިދަށުގައި ބޭއްވޭހާ ކުޑަ ބޭނުންތެރި އެއްޗެކެވެ.
އަލިފާން ނިއްވާ ފުޅި
ރާއްޖޭގައިވެސް އަލިފާނުގެ ކޮންމެވެސް ހާދިސާއެއް ނުހިނގާ ދުވަހެއް ނުދާނެއެވެ. އަދިވެސް ރާއްޖޭގެ ގިނަ ގެ ތަކަކީ އަލިފާން ނިއްވާ ނިޒާމު ޤާއިމުކުރެވިފައި ހުންނަ ތަންތަނެއް ނޫނެވެ. ގޭތެރޭގެ ކޮންމެވެސް އެއްޗެއްގައި ހުޅުރޯވީމަ ކުރެވޭނެ މާބޮޑުކަމެއް ނޯވެއެވެ. ގިނަ ފަހަރަށް ގޭތެރޭގައި ބޭނުންކުރާ ކޮންމެވެސް އެއްޗެއްގައި ކަރަންޓު ޝޯޓުވެގެން ނުވަތަ ކައްކަން ބޭނުނަކުރާ ގޭސް އުނދުނަށް ދިމާވާ މައްސަލައަކާހެދި އަލިފާން ރޯވާން މެދުވެރިވާ ފަހަރުތަކުގައި މީހުން ފިހި، ގިނަބައެއްގެ ފުރާނަ ގެއްލިގެންދާ ފަހަރުވެސް އެބަ އާދެއެވެ.
މާލެ ކަހަލަ މިހާބޮޑަށް އާބާދީ ތޮއްޖެހިފައިވާ ތަންތަނުގައި އަލިފާނުގެ ހާދިސާތަށް ދިމާނުވެ ނުދާނެއެވެ. ނަމަވެސް މިކަމަކީވެސް ފަރުވާތެރިވެވޭ މިންވަރަކުން މަދުކުރެވޭނެ ކަންކަމެވެ. މިފަދަ އަލިފާން ނިއްވާ ކުޑަފުޅިއަކުން ވަރަށް ގިނަ ވައްތަރުގެ އަލިފާން ބޮޑު ކާރިސާއަކަށް ވުމުގެ ކުރިން ވަރަށް ފަސޭހަކަމާއި އެކު ނިއްވާލެވެއެވެ. ގޭތެރޭގައި ގެންގުޅޭ "ޝެލްޓެކްސް" ފުޅިއަކުން ކުރައްޕެއް މަރަން ސްޕްރޭކުރާގޮތަށް މިފުޅިންވެސް އަލިފާން ރޯވިފައިހުރި ދިމާލަށް މަތަގަނޑަށް ފިއްތާލުމުން އަލިފާންގަނޑު މައިތިރިކޮށް ނިއްވާލެވޭނެއެވެ. މިފުޅި ބަދިގެ، ގަރާޖް، ކޮޓަރި، އަދި ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައިވެސް ހަމަ ޝެލްޓެކްސް ފުޅިއެއް ގެންގުޅޭ ގޮތަށް ރައްކާތެރިކަމާއިކު ގެންގުޅެވޭނެއެވެ.
ވައިފައި ސިގްނަލް ބޫސްޓަރ
ގޭތެރޭގައި އެންމެބޮޑަށް ޝަކުވާ ކުރެވޭ އެއް ކަމަކީ އިންޓަރނެޓް ލަސްވާ ވާހަކައެވެ. އިންޓަރނެޓް ނުލިބޭ ވާހަކައެވެ. ގިނަ ފަހަރަށް ކޮޓަރިއަށް ނުވަތަ ގޭގެ ކޮންމެވެސް އެހެން ދިމާލަކަށް އިންޓަރނެޓް ނުލިބެނީ "ވަޔަރލެސް ރައުޓަރ" ގެ ސިގްނަލް ބައެއް ހިސާބުތަކަށް ފޯރާވަރު ދަށްވުމެވެ. މިފަދަ ރައުޓަރތަކުން ފޮނުވޭ ވަޔަރލެސް ސިގްނަލްތަށް ސިމެންތި ފާރާއި ތަޅުންގަނޑު ހުރަސްކުރަންޖެހޭ ފަހަރުތަކުގައި "ސިގްނަލް ސްޓްރެންތް" ނުވަތަ ސިގްނަލްގެ ބާރު ކެނޑިގެންދެއެވެ. އަނެއްފަރާތަށް ފޯރާއިރު ސިގްނަލް ހުންނާނީ މުޅިންހެން ބަލިކަށިވެ މަރުވެފައެވެ. ވަޔަރލެސް ކޮމިއުނިކޭޝަނަށް ހުރަސްތަށް ގިރާކުރަންޖެހޭ ފަހަރުތަކުގައި މިހެން ދިމާވާނެއެވެ. މިއީ ވަޔަރލެސް ޓެކްނޮލޮޖީގެ ސިފައެކެވެ. މިކަން ހިނގާނީ ހަމަމިގޮތަށެވެ.
"އޮމެގާ ވައިފައި އެމްޕް" އަކީ މިދެންނެވި ކަންކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދޭ ކުޑަކުޑަ ގެންގުޅެން ފަސޭހަ ކަރަންޓު "ތްރީ ޕިން" ޕްލަގެއް ކަހަލަ އެއްޗެކެވެ. ތްރީ ޕިން ޕްލަގެއް ކަރަންޓް ސޮކެޓަށް ޖަހާގޮތަށް މި ރިޕީޓަރުވެސް ހަމަ ޖަހަންވީއެވެ. މީތި ކަރަންޓަށް ޖަހާލުމުން ބައެއްފަހަރު ހީވާނީ މުޅިން އާ "އިންޓަރނެޓް ޕެކޭޖެއް" ގެއަށް ވެއްދުނުހެނެވެ. މުޅި ގޭތޭރޭގެ ވައިފައި ސިގްނަލް "ބޫސްޓް" ނުވަތަ ބާރު ގަދަކޮށްލައެވެ. ބޫސްޓކޮށްލައެވެ.
ސްކައިސްކޯޕް
"ސްކައިސްކޯޕް" މޮނޮކިއުލާ ޓެލެސްކޯޕުން ހައި ޑެފިނިޝަން ވީޑިއޯ އާއި ފޮޓޯ 30 މޭލު ދުރުން މޮބައިލްފޯނު މެދުވެރިކޮށް ނަގާލެވެއެވެ. މިއީ މި ޓެލެސްކޯޕުގެ އެންމެ ކަމުދާ އެއްސިފައެވެ. މިޓެލެސްކޯޕު ފޯނަށް ގުޅާލުމުން ބަލަން ބެނުންވާ މަންޒަރުތަށް އިތުރަށް 10 ގުނަ ނުވަތަ 12 ގުނައަށް ބޮޑުކޮށްލަދެއެވެ. މިއީ ވޯޓާ ޕްރޫފް އެއްޗަކަށްވާތީ، ވާރޭވެހުނަސް އަދި މޫދު އަޑީގައި ވިޔަސް ބޭނުންކުރެވެއެވެ. އެޕަލް އައިފޯނާއި އަދި އެންޑްރޮއިޑް "އޯ،އެސް" ބޭނުންކުރާ ހުރިހާ ވައްތަރެއްގެ މޮބައިލްފޯނާއި އެކު ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މިޓެލެސްކޯޕަކީ ފޮޓޯގްރާފަރުންނަށް ވަރަށް ޚާއްސަ ފޮޓޯއާއި މަންޒަރުތަށް ނަގަން ބޭނުންތެރި އެއްޗަކަށް ވާނެކަން މީތި ބޭނުންކުރާ ގިނަ ބަޔަކު ބުނެއެވެ. ސަބަބަކީ މޮބައިލްފޯނުގެ ސްކުރީނު ބޭނުންކޮށްގެންވެސް މިޓެލެސްކޯޕުގެ، ތަފާތު ފަންކްޝަންތަކާ ކުޅެވޭތީއެވެ. ޒޫމްކުރުން ނުވަތަ ވަކި އެއްޗަކާ ދިމާލަށް ފޯކަސްކުރުން ފަދަ ކަންކަން ފަސޭހަކަމާއެކު މޮބައިލް ފޯނު މެދެވެރިކޮށް ބަދަލު ގެނެވެއެވެ.
ލައިޓް ބަލްބް ސެކިއުރިޓީ ކެމެރާ
މިހާރު ސެކިއުރިޓީ ކެމެރާއަކީ ކޮންމެހެން ބޮޑު ޙަރަދެއްނުކޮށްވެސް ހޯދިދާނެ އެއްޗެއްކަން "ހައުސޭފް ކެމް 360" އިން ސާބިތުކޮށްދީފިއެވެ. މިކެމެރާއަކީ އާންމުކޮށް ގޭތެރޭގައި ބޭނުންކުރާ އާދައިގެ ބޮކިޖަހާ ހޯލްޑަރަށް ޖަހާލެވޭގޮތަށް ތައްޔަރުކޮށްފައިވާ އެއްޗެކެވެ. ކޮންމެ މީހަކަށްވެސް ފަސޭހައިން ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ފަސޭހަ ސެކިއުރިޓީ ކެމެރާއެކެވެ. 360 ޑިގްރީއަށް އަންބުރާލެވޭ މި ކެމެރާއަކީ ނަރެއް ނުވަތަ ބެޓްރީއެއް ބޭނުންކުރާ އެއްޗެއް ނޫނެވެ. ސީދާ އާދައިގެ ބޮކީގެ ހޯލްޑަރަށް ވައްދާލެވެއެވެ. މޮބައިލް ފޯނު މެދުވެރިކޮށް "ހައި ޑެފިނީޝަން" ކޮށް އިންޓަރނެޓު މެދުވެރިކޮށް ދުނިޔޭގެ ކޮންމެތާކުހުރެވެސް މި ކެމެރާގެ ވީޑީއޯއާއި މަންޒަރުތަށް ބަލާލެވެއެވެ. މިކެމެރާގައި އެލް، އީ،ޑީ ސްޕޮޓްލައިޓެއްގެ އިތުރުން ސްޕީކަރަކާއި، ވާހަކަ ދައްކާލެވޭގޮތަށް މައިކްރޮފޯނުވެސް ހުރެއެވެ. ކުޑަ ޙަރަދަކާ އެކު މިހާރު ގޭތެރޭގެ ސެކިއުރިޓީ ބަލަހައްޓާލެވިދާނެއެވެ.
ހުރިހާ ސާމާނެއް އަތުގެ މުށުތެރެއަށް
"ކެލްވިން 17" އަކީ ގޭތެރޭގެ އަވަސް މަސައްކަތްތަށް ކޮށްލަން ބޭނުންވާ ހުރިހާ އާލާތްތަށް އެކުލެވޭގޮތަށް އުފައްދާފައިވާ ވަރަށް ރީތި ހިތްގައިމު ޓޫލް އެކެވެ. އެހާމެ ގެންގުޅެން ފަސޭހަ ކުޑަކުޑަ އެއްޗެކެވެ. އެތި ކުޑަޔަސް މީގެން ކުރެވޭ ބޭނުންތަށް އިންތިހާއަށް ގިނައެވެ. މީގައި ހިމެނެނީ 90 އާއި 180 ޑިގްރީއަށް އަނބުރާލެވޭ ދެވައްތަރުގެ އިސްކުރު އަނބުރާ ކަށިގަނޑާއި، މަރުތޭލާ، ރަހަފަތިގަނޑާ، ބައްތިއާއި، ފޫޓުފީތާއާ އެކު އިތުރު 17 ބާވަތެއްގެ އާލާތެވެ. މިޓޫލަކީ މަސައްކަތްކޮށް ނިމުމުން ފަސޭހައިން ލައްޕާލެވޭގޮތަށް ފަރުމާކުރެވިފައިވާ ވަރަށް ބޭނުންތެރި ހަތިޔާރެކެވެ. މިއީ މީހެއްގެ ބާތްޑޭ ހަދިޔާއަކަށް ދޭންވެސް އެކަށީގެންވާ ވަރަށް ހިއްގައިމު ޓޫލްއެކެވެ.