- ޗައިނާގެ ހާލަތު ގޯސްވަމުންދާތީ ޑަބްލިޔުއެޗްއޯއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައި
- ޗައިނާގަ އުޅޭ ޖަރުމަނު ރައްޔިތުންނަށް ޖަހަން ޖަރުމަނުންވަނީ ވެކްސިން ފޮނުވާފައި
ކޮވިޑް ބައްޔާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ ހަނގުރާމައަށް އެހީތެރިވުމުގެ ގޮތުން، ޗައިނާއަށް ކޮވިޑް ވެކްސިން ފޮނުވަން އެމެރިކާއިން ހުށަހަޅައިފިއެވެ.
ކޮވިޑް ވެކްސިން ފޮނުވަން ހުށަހަޅަމުން އެމެރިކާއިން ބުނެފައިވަނީ، ޗައިނާގައި ފެތުރެމުންދާ ކޮވިޑް އައުޓްބްރޭކްތައް ހުއްޓުވުމަކީ ދުނިޔޭގެ މަސްލަހަތާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.
ޗައިނާއަށް ކޮވިޑް ވެކްސިން ފޮނުވަން އެމެރިކާއިން ހުށަހެޅި ނަމަވެސް، އެމެރިކާގެ ހުށަހެޅުން ޗައިނާއިން ގަބޫލުކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ދުނިޔޭގައި އެންމެ ފުރަތަމަ ވެކްސިނެއް ތަރައްގީކޮށް ބޭނުންކުރަން ފެށި އެއް ގައުމަކީ ޗައިނާއެވެ.
ޗައިނާ ސަރުކާރުގެ ކޮވިޑް ޑިޕްލޮމަސީގެތެރެއިން، ޗައިނާގެ ކުންފުނިތަކުން އުފެއްދި ވެކްސިން ހިލޭ އެހީގެގޮތުގައާއި، އަގުހެޔޮކޮށް ދުނިޔޭގެ އެތައް ގައުމަކަށް ޗައިނާއިން ފޯރުކޮށްދިނެވެ.
ޗައިނާގައި ކުއްލިއަކަށް ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާއިރު، ވެކްސިންގެ ތަޖުރިބާކާރުން ވިދާޅުވަމުން ގެންދަވަނީ، އަލުން ބަލި ފެތުރޭން ފެށީ ޗައިނާގައި އުފައްދާ ވެކްސިންތަކަކީ އޮމިކްރޮން ވޭރިއެންޓާ ދެކޮޅަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ދެމުންގެންދާ އެމްއާރްއެންއޭ ވެކްސިނަށް ނުވާތީ ދިފާއު ބަލިކަށިވެގެން ކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.
ޗައިނާއިން އުފެއްދި ސިނޮފާރމް ވެކްސިންގެ އެފިކަސީ ރޭޓަކީ 79 އިންސައްތަކަމަށް ޑަބްލިޔުއެޗްއޯއިން ޖޫންމަހު ބުނެފައި ވެއެވެ. އެއާ ޚިލާފަށް އެމެރިކާގެ މޮޑަނާ އަދި ފައިޒަރ ވެކްސިންގެ އެފިކަސީ ރޭޓަކީ 95 އިންސައްތައެވެ.
އެހެން ނަމަވެސް، ޗައިނާގެ ވެރިން ވިދާޅުވެފައިވަނީ، ބޭރުން ވެކްސިން އެތެރެކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ނެޑް ޕްރައިސް މިއަދު ވިދާޅުވީ، ޗައިނާވެސް ހިމެނޭގޮތުން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށާއި، ކޮވިޑާ ގުޅުންހުރި ސިއްހީ ކަންކަމުގައި ސަޕޯޓްދިނުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮވިޑް ވެކްސިނަކީ ރައްކާތެރި އަދި އިފެކްޓިވް ވެކްސިން. ސިޔާސީ ޚިޔާލު ތަފާތުވުންތައް އޮތަސް އަދި އެނޫންކަމެ އޮތަސް، އެއްވެސް ގައުމެއް ތަފާތު ނުކޮށް އަޅުގަނޑުމެން މިގެންދަނީ ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ވެކްސިން ފޯރުކޮށްދެމުން" ނެޑް ޕްރައިސް
އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ޗައިނާގައި ބަލިޖެހޭ މީހުންގެ އަދަދުތައް މަތިވަމުންދާ މިންވަރަށް ބަލާއިރު، މިކަމަކީ، ގިނަ ބައެއްގެ ފުރާނަ ގެއްލި، ޗައިނާގެ އިގްތިސާދަށްވެސް އެކަމުގެ ލޮޅުންތައް އަރާނޭ ކަމެއް ކަމަށެވެ.
ޗައިނާގައި ކުއްލިއަކަށް ކޮވިޑްގެ ހާލަތު ގޯސްވެގެން ދިއުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވެސް އިއްޔެވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަނެއްކޮޅުން، ޗައިނާގައި ތިބި ޖަރުމަނުވިލާތުގެ ރައްޔިތުންނަށް ދިނުމަށް ޖަރުމަނު ސަރުކާރުން ފޮނުވާ ވެކްސިންގެ ފުރަތަމަ ބެޗްގެ ވެކްސިން މިހާރުވަނީ ޗައިނާއަށް ގެންގޮސްފައެވެ. މިއީ، ބޭރު ގައުމަކުން އުފެއްދި ޗައިނާއަށް އެތެރެކުރެވުނު، ފުރަތަމަ ކޮވިޑް ވެކްސނެވެ.
ޖަރުމަނުގެ ރައްޔިތުންނަށް ޖެހުމަށް ޖަރުމަނުން ޗައިނާއަށް ވެކްސިން އެތެރެކުރުމުގެ ހުއްދަ ޗައިނާ ސަރުކާރުން ދިނީ، ޖަރުމަނުގެ ޗާންސެލަރ އޮލާފް ޝޮލްޒް މިދިޔަމަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައެވެ.