އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހަމަލާދީ ފަލަސްތީނުގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ އަހްމަދު އާތިފް މުސްތަފާ ޝަހީދުކުރި މައްސަލަ ކުށްވެރިކުރަން، ފަލަސްތީނުގެ ބޮޑުވަޒީރު މުހަންމަދު ޝްތައްޔާ، ދުނިޔޭގެ ފުޓްބޯޅައާބެހޭ މައި އިދާރާ ފީފާއަށް ގޮވާލައްވައިފިއެވެ.
އުމުރުން 23 އަހަރުގެ އަހްމަދު އާތިފް މުސްތަފާއަކީ ފަލަސްތީނުގެ ތުލްކަރަމްގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ޘަޤަފީގެ ކުޅުންތެރިއެކެވެ.
އޭނާ ޝަހީދުވެފައިވަނީ ނާބުލުސްގެ އިރުމަތީ ސަރަހައްދުގައި އިސްރާއީލު ސިފައިން ރޭ ބަޑިޖެހުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށެވެ.
ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލު ސިފައިން ޖެހި ބަޑީގެ ވަޒަންތައް އަރާފައިވަނީ އަހްމަދު އާތިފް މުސްތަފާގެ ބުރަކަށްޓަށާއި، ފަޔަށެވެ.
އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ބޮޑު ފައުޖަކުން ފަލަސްތީނު މީހުންނާ ދިމާއަށް ބަޑިޖެހީ، އިސްރާއީލުގެ ވަޒަންވެރިންތަކަކަށް ހިމާޔަތްދޭން ކަމަށް ބުނެ ފަލަސްތީނު މީހުން ދިރިއުޅޭ ސަރަހައްދަށް ވަދެގަނެފައެވެ.
ފަލަސްތީނުގެ ބޮޑުވަޒީރު މުހަންމަދު ޝްތައްޔާވަނީ، އިސްރާއީލުގެ އުދުވާނީ ބާރުތަކުން މި ހިންގި ޖަރީމާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
އަދި ބައިނަލްއަގްވާނީ އިންސާނީ ހައްގުތަކުގެ ޖަމާއަތްތަކުން ފުރިހަމައަށް ޒިންމާތައް އަދާކޮށް، ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކަތިލުންތައް ހުއްޓުވައި ދިނުމަށާއި، ޖަރީމާތަކަށް އިސްރާއީލު ޒިންމާ ކުރުވުމަށްވެސް ފަލަސްތީނުގެ ބޮޑުވަޒީރު ގޮވާލައްވާފައި ވެއެވެ.
ހިފާފައިވާ ފަލަސްތީނުގެ ރަށްތަކުގައި އިސްރާއީލުގެ ޓެރަރިސްޓް ސިފައިންނާއި ފުލުހުން ހިންގި ޖަރީމާތަކުގައި، މިހިނގާ 2022 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް މިހާތަނަށް ފަލަސްތީނުގެ 224 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެތެރޭގައި 63 ކުޑަކުދިން ހިމެނެއެވެ.
ޙަބަރު ގެނެސް ދިނީމަ ޝުކުރު އަދާކުރަން.