އާންމު ތަންތާނގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށް އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓަރ ޑރ. މަންސޫޚް މަންޑަވިޔާ، އިލްތިމާސް ކުރައްވައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓަރ މިކަމަށް އިލްތިމާސް ކުރެއްވީ، އަވަށްޓެރި ޗައިނާގައި ކޮވިޑްބަލި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއެކު، އިންޑިއާގައި ސަވެއިލެންސް ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހެލްތު މިނިސްޓަރ ޑރ. މަންސޫޚް މަންޑަވިޔާ ވަނީ، ކޮވިޑްބަލި ފެތުރުން ހުއްޓުވަން ކުރިންވެސް އަމަލުތައް ބެހެއްޓި ބީދައިން ފިޔަވަޅުތައް އެޅުމަށް އާންމުންނަށް ގޮވާލައްވާފައެވެ.

މިއާއެކު، ކޮވިޑް ވެކްސިން ނުޖަހާތިބި މީހުން ވެކްސިން ޖެހުމަށާއި، ބޫސްޓަރ ޑޯޒް ޖެހުމަށްވެސް، އިންޑިއާގެ ސިއްހަތާބެހޭ އިސް އޮފިޝަލުން ގެންދަވަނީ އާންމުންނަށް ނަސޭހަތްތެރި ވަމުންނެވެ.

މާސްކް އެޅުމަށް އިންޑިއާއިން ލުއި ދީފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. އެއީ، ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް މަދުވުމާ ގުޅިގެންނެވެ.

އެހެން ނަމަވެސް، އަވަށްޓެރި ޗައިނާގައި ކޮވިޑްޖެހޭ މީހުންގެ އަދަދުތައް އާދަޔާ ޚިލަށް މައްޗަށް ދިއުމާ ގުޅިގެން އިންޑިއާއިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ.

އެއީ، ޗައިނާގައި ހަލުވިކަމާއެކު ކޮވިޑްފަތުރާ އޮމިކްރޮން ސަބްވޭރިއެންޓް، ބީއެފް.7 ގެ ހަތަރު ކޭސް އިންޑިއާއިން މީގެކުރިން ފެނިފައިވުމާވެސް އެކުގައެވެ. އޭގެ 3 ކޭސް ފެނިފައިވަނީ ގުޖަރާތުންނެވެ. އެއް ކޭސް ފެނިފައިވަނީ އޮޑިޝާއިންނެވެ. ބަލިޖެހުނު އެންމެންވެސް ރަނގަޅުވެފައިވާ ކަމަށް ހެލްތު އޮފިޝަލުން ވިދާޅުވެއެވެ.

މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ސްޓޭޓް ސަރުކާރުތަކަށް ސަވެއިލެންސް ވަރުގަދަކޮށް، އައު ވޭރިއެންޓެއް، އެއިން އެއްވެސް ސްޓޭޓެއްގައި އުޅޭތޯ ބަލަމުން ގެންދިއުމަށް އަންގާފައި ވެއެވެ.

އިންޑިއާ ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތައް ބުނާގޮތުން، އެގައުމުގައި މިހާރު އުޅެނީ 3،400 އެކްޓިވް ކޭސްއެވެ.

ދުނިޔޭގައި ކޮވިޑްބަލީގެ ހާލަތު ދެވަނައަށް އެންމެ ގޯސްވެގެންދިޔަ އިންޑިއާ، ކޮވިޑްގެ ނުރައްކާތެރި ދެ ރާޅާ ކުތިލާފައިވަނީ 2020 އަދި 2021 ވަނަ އަހަރުގެ ތެރޭގައެވެ.

ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ހެލްތު މިނިސްޓަރ ޑރ. މަންސޫޚް މަންޑަވިޔާ ވިދާޅުވީ، އިންޑިއާގެ ބަލީގެ ހާލަތު ވަރަށް ގާތުން ބަލުންގެންދަވާ ކަމަށެވެ.

ހަމަ އެއާއެކު، ކުރިއަށްއޮތީ ބަންދު ދުވަސްވަރެއް ކަމުން، އާންމުން އިޖުތިމާއީ ގައިދުރުކަން ބަހައްޓައި، އާންމު ތަންތާނގައި އުޅޭއިރު މާސްކް އަޅައިގެން އުޅުމަށް ހިތްވަރު ދިނުމަށް ސްޓޭޓް ސަރުކާރުތަކަށް އޭނާވަނީ އަންގަވާފައެވެ.

ރައްކާތެރި ފިޔަވަޅެއްގެގޮތުން، ބޭރު ގައުމުތަކުން އިންޑިއާއަށް އަންނަ މީހުންގެ، ރެންޑަމް ކޮވިޑް ޓެސްޓް ހެދުމުގެ މަސައްކަތްވެސް އެއަރޕޯޓްތަކުގައި މިހާރުވަނީ ފަށާފައެވެ.

އެހެން ނަމަވެސް، އަވަށްޓެރި ޗައިނާގެ ހާލަތު މިހާރު ގޯސްވަމުންދިޔަ ނަމަވެސް، އެކަމުގައި އިންޑިއާ ޕެނިކްވާންޖެހޭ ސަބަބެއް ނެތްކަމަށް އެކްސްޕާޓުން ވިދާޅުވެއެވެ.