ޝަރުއީ ދާއިރާގައި ޒުވާނުންގެ ބައިވެރިވުމާއި ޝައުގުވެރިކަން އިތުރުކޮށް ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް ނުކުންނަ ޒުވާނުންގެ އަދަދު އިތުރުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ "ޖުޑީޝަރީ ފޯރ ޖޫނިއަރ" ޕްރޮގްރާމް ނިންމާލައިފިއެވެ.

މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން 8 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންއެވެ.

ޖުޑިޝަރީ ޖޫނިޔާސް އަކީ ޝަރުޢީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ 15 އަހަރާއި 20 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން ޔޫ.އެން.ޑީ.ޕީ.އާ ޖޭ.އެސް.ސީން ގުޅިގެން ސުކޫލް ނިންމި ކުދިންނަށް ފެށި މިފަދަ ފުރަތަމަ ވޯކްޝޮޕެވެ.

މި ޕްރޮގްރާމް ހިންގުމަށް ބްރިޓިޝް ހައިކޮމިޝަނުންވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ވޯކްޝޮޕްގެ މަޤްޞަދަކީ ޖުޑިޝަރީ ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމާއި މިދާއިރާގައި ޒުވާނުން ބިނާކުރުމުގެ އިތުރުން ޢަދުލު އިންޞާފުގެ ދާއިރާ ކުރިއެރުވުމެވެ.

ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓުތައް ހަވާލުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، ޔޫއެންޑީޕީގެ ރާއްޖޭގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އެންރީކޯ ގަވެގްލިއާއެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ ކުރިއަރުވާ މިދާއިރާގައި މަސައްކަތްކުރާ މީހުންނާއި މިދާއިރާއިރާއަށް ޝަޢުގުވެރިވާ މީހުންނަށް ޚާއްޞަކޮށްގެން ޖޭއެސްސީން އަންނަނީ ތަފާތު ގިނަ ކަންތައްތައް ކުރަމުންނެވެ.