އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ އަންނަ އަހަރުން ފެށިގެން ދައްކަންޖެހޭނީ އެ އުޅަނދެއް ރަޖިސްޓްރީކޮށްފައިވާ ތަނެއްގެ ކައުންސިލަކަށް ކަމަށް ހަމަޖައްސާފައިވާތީ މީރާއިން އެ ފީ ބަލައިގަތުން ހުއްޓާލަން ނިންމައިފިއެވެ.
އެއްގަމާއި ކަނޑުއުޅަނދުގެ އަހަރީ ފީއަކީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން، ކައުންސިލްތަކުން ބަލައިގަންނަން ޖެހޭ އާމްދަނީއެކެވެ.
އެހެންވެ މީރާއިން ވަނީ 1 ޖެނުއަރީ 2023 އިން ފެށިގެން އެ ފީ އެ އިދާރާއިން ބަލައިގަތުން ހުއްޓާލުމަށް ނިންމާފައެވެ. މިކަން މިރާއިން މިއަދު އާއްމުކޮށް ނެރުނު އިއުލާނެއްގައި ވަނީ އަންގާފައެވެ.
މީރާއިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑު އުޅަނދުގެ އަހަރީ ފީ ބަލައިގަންނާނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިސްޓަމެއް މެދުވެރިކޮށް، އެ ފީ ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ.
މީގެކުރިން ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އަހަރީ ފީ ބަލައިގަތުން ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން، މިމަހުގެ 31 އިން ފެށިގެން މީރާއިން އެ ފީ ބަލައިގަތުން ހުއްޓާލާނެ ކަމަށެވެ.
މީރާއިން އެ ފައިސާ ބަލައިގަންނަމުން ދާއިރު، އޮންލައިންކޮށްވެސް ފީ ދެއްކެއެވެ.
ނަމަވެސް، ކައުންސިލްތަކާ އެ މަސްއޫލިއްޔަތު ހަވާލުކުރުމުން އެ ފީ ދެއްކުމުގެ އިންތިޒާމުތަކަށް އަންނާނެ ބަދަލއި އަދި އެހެނިހެން ތަފްސީލުތަކެއް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.
އުޅަނދުތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާ ގޮތަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުންނެވެ.
މި ސިޔާސަތުގެ ދަށުން އެ ކައުންސިލުގެ އިޙްތިޞާޞްގައި ހިމެނޭ އުޅަނދުތަކުގެ އަހަރީ ފީ ބަލައިގަންނަނާނީ އެކައުންސިލްއަކަށެވެ. މިއާއެކު ކައުންސިލްތަކަށް އާމްދަނީ ލިބުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.
ކައުންސިލްތަށް ބާރުވެރިކޮށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެކެވެ.