- މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށްދާއިރު މާސްކް އަޅަން އިލްތިމާސްކޮށްފައިވޭ
ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
އެޗްޕީއޭއިން ބުނީ ސްކޫލް ބަންދުގައި ދަތުރުފަތުރުކުރުމާއި ތަންތަނަށް ޒިޔާރަތްކުރުމާއި އެއްވެ އުޅުން އިތުރުވާތީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި މިދުވަސްވަރު ކޮވިޑް-19 ފެތުރޭ މިންވަރުވެސް އިތުރު ކަމަށް ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން އާއްމުގެ ސަމާލުކަމަށް މިކަން އަންގާ، ނެރެފައިވާ ނޫސްބަޔާނުގައިވަނީ، މިހާރު ފެތުރެމުންދާ އަރިދަފުސްރޯގާ އާއި ވައިރަލް ހުމަކީ ގައިން ގަޔަށް ފަސޭހައިން އަރާ ބަލިތަކަށް ވުމާއެކު މި ބަލިތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވާންޖެހޭ ކަމަށެވެ.
ކޮވިޑް އާއި އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރާއިރު، ކޮވިޑް ވެކްސިން ޑޯޒްތައް ހަމަކުރުމާއި، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު، އަދި ދަތުރުމަތީގައި އުޅޭއިރު މާސްކް އެޅުމާއި، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ މާސްކް ބޭނުން ކުރުމާއި، އަދި ކެއްސާ ކިނބިހި އަޅާއިރު، އަނގަޔާއި ނޭފަތް ނިވާކުރުމަށް ނަސޭހަތްތެރިވެފައި ވެއެވެ.
އަދި ރޯގާ ޖެހިފައިވާނަމަ މީހުން އުޅޭ ތަންތަނަށް ނުދިއުމާއި، އަދި އެފަދަ ފަރާތްތަކުން ކުޑަކުދިން ކައިރިއަށް ނުދިއުމާއި، އެކުދިން އުރާ ނުހެދުމާއި، އަދި ބަލި ޖެހުމުން ނުރައްކާ ބޮޑުވާ ފަރާތްތަކުން އިންފްލުއެންޒާ ވެކްސިން ޖެހުމާއި، އަދި މި ފަރާތްތަކުން ރޯގާޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
މީގެ އިތުރުން ހޭންޑް ސެނެޓައިޒާ ބޭނުން ކުރުން ނުވަތަ ސައިބޯނި ލައިގެން އާދަކޮށް އަތް ދޮވުމަށް އެދިފައި ވެއެވެ.
މީގެ އިތުރުން ހޭންޑް ފޫޓް އެންޑް މައުތްއިން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމާއި، އާއްމު ސާފްތާހިރުކަމަށް ސަމާލުކަން ދިނުމާއި، އާއްމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ގިނައިން ސާފް ކުރުމާއި، ބަލިޖެހިފައިވާ ކުދިން ބޭރަށް ނުގެންދިއުމާއި، ބޭނުންކޮށްފައި ހުންނަ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް އެދިފައި ވެއެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެން އާންމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީއާއިން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ފަރާތުންނެވެ. މިއީ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާ އިން ފެތުރޭ ބައްޔެކެވެ.
މި ބަލިން ރައްކާތެރިވުމަށް ފާހަނަ ބޭނުން ކުރުމަށްފަހުގައި އާއި، ނެޕީ ބަދަލު ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޭޖެންސީން އިލްތިމާސްކުރެއެވެ.
މިދުވަސްވަރު ތަފާތު ރޯގާތަކާއި ވައިރަލް ހުން ގިނަ ވުމުގެ ސަބަބުން ހޮސްޕިޓަލްތަކުގައި ކުޑަކުދިންނާއި ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓް ކުރާލެއްވެސް ވަނީ ގިނަވެފައެވެ.