ދިވެހި ތާރީޚުގެ ކަޅު ޞަފްޙާތަކުގައި ލިޔެވިފައިވާ އެންމެ ހިތްދަތި ގުދުރަތީ ކާރިޘާ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާއަށް 18 އަހަރު ފުރުނީއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި މި ކާރިޘާގެ ސަބަބުން ދިވެހި އެތައް ފުރާނައެއް ގެއްލި، އެތައްބަޔަކު ގެއްލި، ރަށްތަކާއި، މީސްމީހުންގެ ގެދޮރަށާއި، ތަންތަނަށް ލިބުނު ބޮޑެތި ގެއްލުމުގެ ޖުމްލަ އަދަދު 470 މިލިއަން އެމެރިކާ ޑޮލަރަށް އެރިއެވެ. އެއީ އޭރު ރާއްޖޭގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ގެ 62 އިންސައްތައެވެ.
ސުނާމީއާ ގުޅިގެން އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ރަށަކީ ރ. ކަނދޮޅުދޫއެވެ. ކަނދޮޅުދޫ މީހުން ބުނާ ގޮތުގައި އެރަށަށް ބިންދާލި ސުނާމީގެ ބިޔަ ރާޅުތަކުގެ އުސްމިނުގައި 12 ފޫޓް ވަރު ހުންނާނެއެވެ. އެކާރިޘާގައި ރަށުގެ މިސްކިތް ފިޔަފައި ހުރިހާ އިމާރާތެއްހެން ހަލާކުވެ ސުންނާފަތިވިއެވެ.
ކަނދޮޅުދޫއަކީ ސުނާމީއެރުމުގެ ކުރިން މުޅި ރ. އަތޮޅުންވެސް ފާހަގަކޮށްލެވޭފަދަ ތަރައްޤީގެ ކުލަވަރުތަކެއް ހަލުވި މިނެއްގައި ޖެހެމުންދިޔަ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ހިތްގައިމު ރަށެކެވެ. ރާއްޖޭގެ އެހެނިހެން ގިނަ ރަށްތަކާ ހިލާފަށް އެރަށުގެ ވަށައިގެން ތޮށިލާފައި އޮތުމުން އޭރު އެރަށުގައި ތަރައްގީގެ މިސްރާބު ހުރި މިންވަރު ހާމަވެއެވެ. މިއަދުވެސް އެ ތޮށިގަނޑުން ބައެއްގެ ބޭނުން އެ ސަރަހައްދުގައި މަސްވެރިކަން ކުރާ ފަރާތްތަކުން ކުރަމުންދާއިރު ބައެއް ތަންތަން، ބާރުގަދަ ސުނާމީގައި ވަނީ ނެތިގެން ގޮސްފައެވެ.
ސުނާމީގައި މުޅި ކަނދޮޅުދޫ ސުންނާފަތިވެ އެރަށުގެ ރައްޔިތުންނަށް ރަށް ދޫކޮށްދިއުމަށް މަޖުބޫރުކުރުވިއެވެ. ސުނާމީގެ ބިޔަ ރާޅުތައް އަރައި، ހުރިހާ ގެދޮރެއްހެން ދިރި ނޫޅެވޭ ވަރަށް ހަލާކުވެ ސަލާމަތުން ތިބި ބަޔަކު މަގުމަތިވީއެވެ.
ކަނދޮޅުދޫ ރައްޔިތުން ވަގުތީގޮތުން އެކި ރަށްރަށުގައި ދިރިއުޅުނު ނަމަވެސް މީގެ 14 އަހަރު ކުރިން ކަނދޮޅުދޫ ރައްޔިތުންނަށް ހާއްސަކޮށް އެ އަތޮޅުގައި އޮތް ފަޅުރަށެއް ކަމަށްވާ ދުވާފަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބޭރުގެ ފަރާތްތައް ހާއްސަކޮށް ރެޑްކްރެސެންޓްގެ އެހީއާއެކު ސަރުކާރުން ފެށުމުގެ ނަތީޖާއަކީ މިއަދު ކަނދޮޅުދޫ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ.
ސުނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އިންސާނިއްޔަތުކަމުގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރަކުވެސް ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ސުނާމީ އެރި ދުވަސް ފާހަގަކުރަމުން ދާއިރު މިއަހަރުގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހު ވީނިއުސްގެ މި ރިޕޯޓު މި ހާއްސަކޮށްލަނީ ރ. ދުވާފަރުގެ ވަޒަންވެރިން ކަމަށްވާ ކަނދޮޅުދޫގެ ރައްޔިތުންނާ ގާތަށް ވީމީޑިއާގެ ނޫސްވެރިން ގޮސް އެއްކުރި މައުލޫމާތުތަކަށެވެ.
ދުވާފަރަށް ވީމީޑިއާގެ ނޫސްވެރިން ކުރި ދަތުރުން އެއްކުރެވުނު މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ގޮތެއްގައި އެރަށާ މެދު ރަށްވެހިން ހިތްހަމަޖެހެއެވެ. ދިރިއުޅެމުންދަނީ ވަރަށް ފުދިގެންނެވެ. އަޅުގަނޑުމެން ކުރި ދަތުރުގައި ވީނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި، ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް ވިދާޅުވީ، ދުވާފަރުގައި މީހުން ދިރިއުޅުމަށް 2000 އަކަފޫޓުގެ ގޯތީގައި 1000 އަކަފޫޓުގެ 676 ގެ ސަރުކާރުން ރެޑްކްރެސެންޓްގެ އެހީގައި ބިނާކޮށްދެއްވާފައިވާ ކަމަށެވެ. ކަނދޮޅުދޫގައި މީހުން ދިރިއުޅުނީ 450 ގޭގައި ކަމަށާއި ގޯތިތައް ނިސްބަތުން ކުޑަކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ހަގީގަތުގައިވެސް ކަނދޮޅުދޫގެ ތިން ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން ގެންދިޔައީ ވަރަށް ކުޑަ ޖާގައެއްގައި ތޮއްޖެހިގެންނެވެ. ވެރިރަށް މާލެއަށްވުރެ އެރަށުގެ ތޮއްޖެހުން ބޮޑޭ ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ. މަގުތަކޭ ބުންޏަސް އެރަށުގެ މަގުތަކަކީ ހަނި ގޯޅިތަކެކެވެ.
ނަމަވެސް ދުވާފަރުގައި މަގުތައް ފުޅާވެފައި ޖާގަ ތަނަވަހެވެ. އެ މަގުތައް މިހާރުވަނީ ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ.
ދުވާފަރުން ވީނިއުސްއާ ވާހަކަދެއްކި ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި، ދުވާފަރުން އެމީހުން ކަންބޮޑުވާ ހާލަތުގައި މިވަގުތު އޮތީ ސިއްހީ ޚިދުމަތުގެ ނިޒާމެވެ. ލެވެލް 4ގެ ސިއްހީ މަރުކަޒެއް ހުރިނަމަވެސް އެތަނުން ދޭންޖެހޭ ބައެއް ޚިދުމަތްތައް ނުލިބެއެވެ. ޚިދުމަތްތައް ދޭން ބޭނުންވާ އާލާތްތައް ނެތުމާއި ސްޕެޝިއަލިސްޓުން ނެތުމަކީ ހުރި ކަންބޮޑުވުމެކެވެ.
މިއާ ޚިލާފަށް ތައުލީމީ ދާއިރާއިން ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރެއެވެ. ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލެއް ހުންނަ ދުވާފަރުގެ ސްކޫލްތަކަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދެމުން އަންނަ ސްކޫލްތަކެކެވެ. އެރަށުގައި ހުންނަ ރ. އަތޮޅު ސްކޫލްގެ ގިނަ ޓީޗަރުންނަކީ މާސްޓާރސް ނަންގަވައިގެން ތިއްބެވި ބޭފުޅުން ކަމަށްވާތީ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ފާހަކުރައްވައެވެ.
ވީނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޕްރިންސިޕަލް މުހައްމަދު އަނީސް ފާހަގަކުރެއްވި ގޮތުގައި، އޯލެވެލްގެ ގަދަ 10 ގައި އެރަށުގެ ދަރިވަރުން ހިމެނުމަކީ ތައުލީމީ ގޮތުން ކުރިއެރުން ހޯދިފައިވާ ކަމުގެ ހެއްކެކެވެ. އަދި ޖުމުލަކޮށް ތައުލީމާއި ދަރިވަރުންގެ އަޚުލާގު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ދުވާފަރުގެ ދެ ސްކޫލްގައިވެސް ކުޅިވަރަށް ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދޭކަން ފާހަގަކުރެވުނެވެ. އޭގެ އެއް ހެއްކަކީ ދެ ސްކޫލްގައި ވެސް ޓާފް ދަނޑެއް އެޅި ކުޅިވަރު ކުޅެވޭނެ ވަސިލަތްތައް ގާއިމުވެފައި ހުރުމެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ނުލިބޭ ފެނުގެ ޚިދްމަތް ދުވާފަރުގެ ގޭގެއަށް ލިބެއެވެ. 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެމުންދެއެވެ.
އާބާދީ އިތުރުވަމުންދާ ވަރަކަށް ގެދޮރުވެރިކަމުގެ ދަތިކަން ކުރިމަތިވަމުންދާނެކަން ޔަގީނެވެ. ދުވާފަރުގައި މީހުން އާބާދުވީތާ 14 އަހަރަށް ވުރެ ގިނަދުވަސް ވެފައިވާއިރު މިހާތަނަށްވެސް އެރަށުން އަލަށް ގޯތި ދޫކޮށްފައެއް ނެތެވެ. މިއާއެކު ރަށުގެ ރައްޔިތުންނަށް ވަނީ ބޯހިޔާވަހިކަމުގެ ދަތިތަކާ ކުރިމަތިލާންޖެހިފައެވެ. އެރަށަށް ދިމާވެފައިވާ ދުވަސްވީ މި ބޮޑު މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރުން ކުރެއްވި މަސައްކަތުގެ ދަށުން މިހާރު ވަނީ އެރަށުން 22.2 ހެކްޓަރުގެ ބިން މިދިޔަ އަހަރުގެ ޖޫންމަހު އެއްކޮށް ނިންމާލާފައެވެ. 5000 އިން މަތީގެ އާބާދީއެއް އޮތް ދުވާފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މިއާއެކު ހައްލެއް ލިބިގެންދާނެއެވެ.
އެރަށުގެ މަގުތައް ވަނީ ޒަމާނީ ފެންވަރަށް ތައައްގީކޮށްފައެވެ. ދެ ފިޔަވެއްސަކަށް ބަހާލައިގެން ދުވާފަރުގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގައި ވެހިކަލް ދުއްވުމަށް 25،513 އަކަމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ހިނގާ މީހުންނަށް ޚާއްސަކޮށްގެން 6813 އަކަ މީޓަރުގެ ޕޭވްމަންޓް ހަދާފައިވެއެވެ. އަދި ފެން ހިންދާ ނިޒާމާއި، މަގުބައްތި ޖެހުމާއި އަދިމަގުމަތީގެ ނިޝާންތައް ކުރެހުން ހިމެނެއެވެ. ފުރަތަމަ ފިޔަަހީގެ މަސައްކަތް ނިމުމާއެކު، އެމްޓީސީސީއާއި ހަވާލުކޮށްގެން ދެވަނަ ފިޔަވަހީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުއެވެ. ދެވަނަ ފިޔަވަހީގައި ވަނީ ވެހިކަލް ދުއްވުމަށް 17790 އަކަމީޓަރުގެ ސަރަޙައްދާއި، ޕޭމަންޓްގެ ގޮތުގައި 6923 އަކަމީޓަރުގެ ސަރަޙައްދެއް ހަދާފައެވެ.
ދުވާފަރަކީ ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެން ބޮޑުވުމާއި އަދި ވަކިވުމުގެ މައްސަލަވެސް ކުރިމަތިވާ ރަށެކެވެ. އަދި ރަށުގެ މަގުތައް ވަރަށް ބޯޑަށް ހިރަފުސްވެސްވާ ރަށެކެވެ. މަގު ހެދުމުގެ މަސައްކަތުގައި ރަށުގެ ބަނދަރު ސަރަޙައްދާ، ރަށުގެ އެކި އެކި އިދާރާތަކާއި މުވައްސަސާތައް ހުރި ބޮޑެތި މަގުތައް ވަނީ ތަރައްޤީކޮށްފައެވެ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢަކީ ސަރުކާރުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ރަށުގައި އުފެދޭ ކުނި ނައްތާލުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ވަނީ ގާއިމު ކޮށްފައެވެ. މީގެ އިތުރުން ފެން ޕްލާންޓެއް ތަރައްގީކޮށް އެރަށުގައި ފުޅީގައި ފެން ބަންދުކުރެއެވެ. ޒަމާނުއްސުރެ ކަނދޮޅުދޫއަކީ މަސްވެރި ރަށެއްކަމުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭގޮތަށް އައިސް ޕްލާންޓެއް ވެސް ދުވާފަރުގައި ވަނީ ގާއިމު ކޮށްފައެވެ.
އެރަށުގެ ބައެއް މަސްވެރިންނާ ވާހަކަ ދައްކާލުމުން ފާހަގަކުރެވުނު އެއްކަމަކީ ބަނދަރުގެ ޖާގައިގެ ދަތިކަމެވެ. ބައެއް ދުވަސްދުވަހު ބަނދަރު ފުރި ބޮއްކުރައެއް ވަރުވެސް ބަނދަރުކޮށްލާނެ ޖާގަ ނޯވެއެވެ. މިމައްސަލަ ހައްލުކުރުމަށް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުވުމުން ދޯނިތަކުގެ ސައިޒު ބަދަލުވެ ޒަމާނީވުމަކުން މަސްވެރިކަމަށް މާ ބޮޑު ކުރިއެރުމެއް ނުލިބޭކަން ފާހަގަކުރެވުނެވެ. މަސްކަނޑާ ގުޅިފައިއޮތް ކަނދޮޅުދޫގައި ދިރިއުޅުނު މަސްވެރިން ބުނާ ގޮތުގައި އެހާރު މަސްވެރިކަން މާ ރަނގަޅެވެ. މަސްވެރިކަމުގެ އިތުރުން، ވަޑާމުގެ މަސައްކަތްތަކަކީ ދުވާފަރުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކެވެ.
މީގެއިތުރުން ވެސް އެކިއެކި ވިޔަފާރިތައް ފަށައިގެން އާމްދަނީ އިތުރުކުރުމަށް ދުވާފަރުގައި ވަރަށް މަސައްކަތްތެރި ރައްޔިތަކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވުނެވެ. ރ. އަތޮޅުގެ އެހެން ރަށްރަށާއި އަޅާބަލާއިރު ދުވާފަރަކީ ކުށުގެ ވެށީގައި ޒުވާނުން ގިނަ ރަށެކެވެ. އެހެން ނަމަވެސް އެރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް މުޖުތަމައަށް ބެނުންތެރި ބައެއްގެ ގޮތުގައި ކުށްކުރާ ފަރާތްތައް ނެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ދުވާފަރުގައި އެންމެ ގިނައީ މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީގެ މައްސަލަތައްކަން އާންމުންނާ ވާހަކަ ދައްކާލުމުން އެނގުނެވެ.
ރަށުން ލިބޭ އިތުރު ޚިދުމަތްތަކަށް ބަލާލާއިރު ބޭންކިންގެ ޚިދުމަތް ފާހަގަކުރެވެއެވެ. އެރަށުގައި ސެލްފް ސާވިސް ބޭންކިންގެ ޚިދުމަތް ގައުމީ ބޭންކުން އަންނަނީ ދެމުންނެވެ. ޖުމްލަ ގޮތެއްގައި ކަނދޮޅުދޫގެ ރައްޔިތުން ދުވާފަރަށް ބަދަލުވުމުން ދިރިއުޅުމުގެ ހާލަތު ބޮޑުތަނުން ރަނގަޅު ވެއްޖެއެވެ. ނަމަވެސް، ދުވާފަރަށް ހިޖުރަކުރުމާއެކު ކުރީގައި އޮތް އިޖުތިމާއީ ގުޅުން ބޮޑުތަނުން ހީނަރުވެފައިވާ ކަމަށް އެރަށުގެ ގިނަ ބަޔަކު ފާހަގަކުރެއެވެ. ގުޅުންތައް ހީނަރުވި ނަމަވެސް އެރަށުގެ ރަށްވެހިން ގަބޫލުކުރާ ގޮތުގައި ދުވާފަރަކީ އެމީހުންނަށް ލިބުނު އަގުބޮޑު ހަދިޔާއެކެވެ. މާތް ﷲ ދެއްވި ނިޢުމަތެކެވެ.
ކަނދޮޅުދޫ ހިމެނޭހެން ސުނާމީ ކާރިސާއަށްފަހު 13 ރަށަކުން މީހުން ހުސްކޮށްފައިވާއިރު، 70 ރަށަކަށް ފެނުގެ ސަޕްލައިއާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުނެވެ. 79 ރަށުގައި ރައްކާތެރި ބޯފެން ނެތުމާއި، 26 ރަށެއްގައި ކަރަންޓު ނެތުމާއި، 24 ރަށުގައި ފޯނު ނެތުމާއި، ހަތަރު ރަށަކުން ހުރިހާ މުވާސަލާތީ ވަސީލަތްތައް ނރތިދިއުން ލިބުނު ގެއްލުމުގެ ގޮތުގައި ފާހަގަކުރެވެއެވެ. އޭގެތެރެއިން 20 ރަށެއްގެ އިންފްރާސްޓްރަކްޗާ އޮތީ "މުޅިން ހަލާކުވެފަ" އެވެ.
ބަނދަރުތަކާއި ޖެޓީތަކާއި ނަޖިސް ހޮޅިތައް ހަލާކުވިއެވެ. އަދި 12،000 އަށް ވުރެ ގިނަ މީހުން ގެދޮރު ނެތި މަގުމަތިވިއެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ދެކުނު އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. ގޮނޑުދޮށްތަކާއި، ރުއްތަކާއި، ގެތަކާއި، ބޯޓްފަހަރު ނެތިގެން ދިއައީ ލޯކުރިމަތީގައެވެ.