ފާއިތުވެދިޔަ ހަފުތާގައި ރާއްޖެއިން 12 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 185،678 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 12 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މީގެތެރެއިން މާލެއިން ކޮވިޑަށް ޕޮޒިޓިވްވީ 2 މީހުންނެވެ.

އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްތަކުން 10 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން ބުނީ، ބަލިޖެހިގެން 2 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް ޖުމްލަ 311 މީހަކު މަރުވެފައި ވެއެވެ.

މިދިޔަ ހަފްތާގެ ކުރީގެ ހަފްތާގައި ރާއްޖޭން 15 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 9 މީހަކު ނިސްބަތްވަނީ ގްރޭޓާ މާލެ ސަރަހަށްދަށެވެ. 3 މީހަކު އަތޮޅު ތެރޭގެ ރަށްތަކަށް ނިސްބަތްވާއިރު، 7 މީހުން ނިސްބަތްވަނީ ރިސޯޓްތަކާއި، އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްތަކަށްކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. 6 މީހަކަށް އެ ހަފްތާގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދީފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދައްވަމުން ދާއިރު މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1000 މައްޗަށް އަރާފައެވެ. އަދަދު ދަށަށްދާން ފެށީ އޮގަސްޓު މަހުގެ ކުރީކޮޅުއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް އަބަދުވެސް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވާއިރު، މާސްކް އެޅުމަށާއި ގިނަގިނައިން އަތް ދޮވުމަށާއި އަދި ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އިއްޔެ ވަނީ އެދިފައެވެ.

ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރަންޖެހޭނެއެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެކަހެރިވުމާއި އެއްތާވި މީހުންގެ މައުލޫމާތު ފޯރުކޮށްދިނުން މުހިންމެވެ.