ކޮވިޑް ހުއްޓުވަން އަޅާފައިވާ ހުރިހާ ފިޔަވަޅުތައް އުވާލައި، ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން، ބޯޑަރު ހުޅުވާލާތީ ޗައިނާގެ ރައްޔިތުން ގައުމުން ބޭރަށް ދިއުމަށް މިހާރުވެސް ދަތުރުހަދަން ފަށައިފިއެވެ.
ކޮވިޑް ފެތުރުން ހުއްޓުވަން ޗައިނާ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ ރައްޔިތުންނަށް އެ ގައުމުގެ ބޯޑަރުން ބޭރަށް ނުދެވި ތިބޭތާ 3 އަހަރު ވެއްޖެއެވެ.
ޗައިނާގެ ރައްޔިތުން ބޭރު ގައުމުތަކަށް ދަތުރުފަތުރުކުރުން ހުއްޓުވާފައި އޮތް އޮތުންވެސް ޖެނުއަރީ 8 އިން ފެށިގެން އުވާލަން ވަނީ ނިންމާފައެވެ. އެއްގަމާއި ކަނޑުމަދުން ދަތުރުކުރާ މީހުންނަށް ވަގުތުން ބޯޑަރު ހުޅުވާލަންވެސްވަނީ ނިންމާފައެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ، ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން ބޭރު ގައުމުތަކުން ޗައިނާއަށް އަންނަ މީހުންވެސް ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. ނަމަވެސް 47 ގަޑިއިރުނުވާ ޕީސީއާރް ޓެސްޓުގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހެއެވެ.
2020 ވަނަ އަހަރުން ފެށިގެން ބޭރު ގައުމުތަކުން ޗައިނާއަށް ދަތުރުކުރާ މީހުން ސަރުކާރުން ކަނޑައަޅާފައިވާ ތަނެއްގައި ކަރަންޓީނުވާން ޖެހެއެވެ.
ކަރަންޓީނު އުސޫލު އުވާލުމުގެ އިތުރުން، ވަޒީފާއަށާއި، ވިޔަފާރީގެ ބޭނުންތަކަށް ބޭރު ގައުމުތަކުން ޗައިނާއަށް އަންނަ މީހުންނަށް ވިސާ ދޫކުރުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފައި ވެއެވެ.
މީގެއިތުރުން، ކޮވިޑް ބައްޔާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތައް، މިހާރުއޮތް އެންމެމަތީ ލެވެލްއިން، ބީ ކެޓެގޮރީއަށް ޖެނުއަރީ 8 ގައި ބަދަލުކުރުމަށްވެސް ޗައިނާ ސަރުކާރުންވަނީ ނިންމާފައެވެ.
މިފިޔަވަޅުތަކުގެ ސަބަބުން، ކޮވިޑްގެ ބަލިމީހުން ކަރަންޓީނު ކުރުމާއި، ރަށްތައް ލޮކްޑައުންކުރުމާއި، ހަރުކަށި ފިޔަވަޅުތައް އެޅުން އެއްކޮށް ނިމުމަކަށް އަންނާނެއެވެ.
ޒީރޯ ޓޮލަރެންސް ޕޮލިސީގެ ދަށުން، ކޮވިޑް ފެތުރުން ހުއްޓުވަން ޗައިނާ ސަރުކާރުން ބޯޑަރުތައް ބަންދުކުރުމާއި، އެތައް ދުވަހެއް ވަންދެން ރަށްތައް ލޮކްޑައުން ކުރުމުގެ ސަބަބުން ޗައިނާގެ އިގްތިސާދަށް އެކަމުގެ ލޮޅުންތައްވަނީ އަރާފައެވެ. އިގްތިސާދަށް އޭގެ ހީނަރުކަން ވަނީ އައިސްފައެވެ.
އިގްތިސާދީ ހީނަރުތަކުގެ އަސަރު އެންމެބޮޑަށް ކުރާ ބަޔަކީ އާންމު ރައްޔިތުން ކަމަށްވާއިރު، މިދިޔަމަހު ޗައިނާގެ ވެރިރަށް ބެއިޖިންގާއި، އެނޫން ސިޓީތަކުގެ މަގުތަކަށް އާންމުން ނުކުމެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ކޮށްފައި ވެއެވެ. މިއީ، ޗައިނާގައި ވަރަށް ނާދިރު ހާލަތެއްގައި މެނުވީ ފެންނަ މަންޒަރެއް ނޫނެވެ.
ނަތީޖާއަކަށް ވެގެންދިޔައީ، ސަރުކާރުން ދޫދީ، ކޮވިޑް ފެތުރުން ހުއްޓުވުމުގެ ނަމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށުމެވެ.
ކޮވިޑްފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއެކު ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވެ، ހޮސްޕިޓަލްތަކަށް ބާރުބޮޑު ވެގެން ގޮސްފައި ވެއެވެ.
ޗައިނާ ހެލްތު ކޮމިޝަނުން ބުނެފައިވަނީ، ބަލީގެ ހާލަތު މާ ބޮޑަށް ގޯސްވާނަމަ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތައް ފަދަ ތަންތަނުގައި ރައްކާތެރި ފިޔަވަޅުތައް ވަރުގަދަ ކުރާނޭ ކަމަށެވެ.
މީގެއިތުރުން، އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑްވެކްސިން ޖެހުން އިތުރުކޮށް، ހައިރިސްކް މީހުން ދެވަނަ ޑޯޒް ޖެހުމަށް ހިތްވަރުދޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.
ޗައިނާއަކީ، ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރެއިން، ކޮވިޑަކީ އާންމު ބައްޔެއްކަމަށް ދެކިގެން އެ ބީދައިން ކޮވިޑްބައްޔާ ކުރިމަތިލުމަށް ނިންމި އެންމެފަހު ގައުމެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ޖެނުއަރީ 8 ގައި ބޯޑަރު ހުޅުވާލަން ނިންމުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާން ބޭނުންވެފައިތިބި ޗައިނާގެ ރައްޔިތުންނާއެކުކ ޓެރެވަލް ވެބްސައިޓްތަކަށް ބާރުބޮޑުވެފައި ވެއެވެ.