ހ. ޝީރީންވިލާގޭގެ އެޕާޓްމެންޓެއްގެ ތެރޭގައި ރަހުމު ކުޑަގޮތަކަށް ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލައިގައި ހައްޔަރުކުރި ޝާހިލް އަލީގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ އޯގަސްޓް މަހުގެ 6 ވަނަ ދުވަހު ހ. ޝީރީންވިލާގޭގައި, ތޫނުއެއްޗަކުން ޙަމަލާދީ އަންހެނަކު މަރާލި މައްސަލައިގައި ފ. ނިލަންދޫ, ފިނިފެންމާގެ, ޢަލީ ސާހިލްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާގެ އިތުރުން 4 ދަޢުވާއެކެވެ.

އިތުރަށްކުރި ދަޢުވާތަކުގެ ތެރޭގައި އޮރިޔާން ކާޑު ގެންގުޅުމާއި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ހިމެނެއެވެ.

މި މައްސަލައިގައި ޝާހިލް ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެވެ.

މިމައްސަލައިގެ މައުލޫމާތު އާންމުކުރުމަށް އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، މިހާތަނަށް މިމައްސަލައާއި ގުޅިގެން އެކިއެކި މައުލޫމާތު ހޯދަން 45 އަކަށްވުރެ ގިނަ މީހުންނަށް ސުވާލުކުރެވި، އަދި މިމައްސަލައާއި ގުޅުންހުރި އެކިއެކި ތަންތަނުގެ ސީސީޓީވީ ފުޓޭޖް ނަގައި ދިރާސާ ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ފޮރެންސިކް ތަހުލީލަށް ބޭނުންވާ އެކިއެކި ޑިވައިސްތަކާއި އެހެނިހެން ތަކެތި އެނެލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަޝީރު ވިދާޅުވިއެވެ.

ޝިއާއު މަރާލާފައިވަނީ ވަރަށް އިހާނެތިކޮށް ނަމަވެސް، އޭނާއަށް ދީފައިވާ އަނިޔާތަކުގެ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.