މި ފެށޭ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 ގައުމަކުން އިންޑިއާއަށް އަންނަ މީހުން ކޮވިޑް ޓެސްޓުގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިފިއެވެ.
އެ 5 ގައުމަކީ، ޗައިނާ، ހޮންކޮންގް، ޖަޕާން، ދެކުނު ކޮރެއާ، ސިންގަޕޫރުގެ އިތުރުން ތައިލެންޑެވެ.
އިންޑިއާގެ މައިސަރުކަރުގެ ހެލްތު މިނިސްޓަރ މަންސޫޚް މަންޑަވިޔާ ވިދާޅުވީ، މި ފަސްގައުމުން އިންޑިއާއަށް އަންނަ މީހުން އިންޑިއާއަށް ފުރުމުގެކުރިން، އިންޑިއާ ސަރުކާރުން ކަނޑައަޅާފައިވާ ވެބްސައިޓަށް، ކޮވިޑް ޓެސްޓުގެ ނަތީޖާ އަޕްލޯޑް ކުރަންޖެހޭނޭ ކަމަށެވެ. އަޕްލޯޑްކުރަން ޖެހޭނީ 72 ގަޑިއިރު ހަމަނުވާ ޓެސްޓުގެ ނަތީޖާ ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.
ހެލްތު މިނިސްޓަރ މަންސޫޚް މަންޑަވިޔާ ވިދާޅުވީ، މިފިޔަވަޅު އަޅަންޖެހުނީ، ދުނިޔޭގައި ކޮވިޑްބަލީގެ ހާލަތު އަނެއްކާވެސް ގޯސްވަމުންދާތީ ކަމަށެވެ.
އިންޑިއާއިން މީގެކުރިންވަނީ، އެގައުމަށް ބޭރުން އަންނަ ހުރިހާ މީހުންގެ ދޭއް އިންސައްތަ މީހުންގެ ރެންޑަމް ޓެސްޓުތަކެއް ހަދަން ފަށާފައެފެ.
އަދި އިންޑިއާގައި ބަލީގެ ހާލަތު ގޯސް ނޫން ނަމަވެސް، މީހުން ގިނައިން އެއްވެއުޅޭ ތަންތަނުގައި މާސްކް އަޅައިގެން އުޅުމާއި، ގައިދުރުކަން ބެހެއްޓުމާއި، ކޮވިޑުން ރައްކާތެރިވުމަށް ކުރިންވެސް އެޅި ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ސަރުކާރުންވަނީ އިލްތިމާސް ކޮށްފައެވެ.
ކޮވިޑްބަލީގެ ހާލަތު މިދުވަސްވަރު އެންމެ ގޯސްވެފައިވަނީ ޗައިނާގައެވެ.
އެހެންވެ، ޗައިނާއިން އަންނަ މީހުން ކޮވިޑް ޓެސްޓުގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހޭގޮތަށް އިންޑިއާއިން ކަނޑައެޅިއިރު، އެފިޔަވަޅު އެމެރިކާ، ޖަޕާން، އިޓަލީ، އަދި ޓައިވާނުން މީގެކުރިންވަނީ އަޅާފައެވެ.
ޗައިނާގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ، އެކަމާ ގުޅޭގޮތުން އަޅާނެ ފިޔަވަޅަކާ ގުޅޭގޮތުން ޔޫރަޕް އިއްތިހާދުގެ ކަމާބެހޭ އިސް އޮފިޝަލުން ގެންދަވަނީ މަޝްވަރާ ކުރައްވަމުންނެވެ.
ޗައިނާގައި ކުއްލިއަކަށް ކޮވިޑްބަލީގެ ހާލަތު ބޮޑުވެގެންދިޔައީ، ކޮވިޑް ފެތުރުން ހުއްޓުވަން އަޅާފައިވާ ހުރިހާ ފިޔަވަޅުތައް ޗައިނާއިން އުވާލުމުންނެވެ.
ޗައިނާ ސަރުކާރުން މިހާރުވަނީ، މިފެށޭ ޖެނުއަރީމަހުގެ 8 ވަނަ ދުވަހުން ފެށިގެން ބޯޑަރުވެސް ހުޅުވާލަން ނިންމާފައެވެ.
3 އަހަރަށްފަހު ބޯޑަރު ހުޅުވާލާއިރު، ޗައިނާގެ ރައްޔިތުން ބޭރު ގައުމުތަކަށް ދަތުރުފަތުރުކުރުން ހުއްޓުވާފައި އޮތް އޮތުންވެސް ޖެނުއަރީ 8 އިން ފެށިގެން އުވާލާނެއެވެ. އަދި އެ ދުވަހުން ފެށިގެން ބޭރު ގައުމުތަކުން ޗައިނާއަށް އަންނަ މީހުންވެސް ކަރަންޓީނުވާން ނުޖެހޭނެގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް 48 ގަޑިއިރުނުވާ ޕީސީއާރް ޓެސްޓުގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހެއެވެ.
ޒީރޯ ޓޮލަރެންސް ޕޮލިސީގެ ދަށުން، ކޮވިޑް ފެތުރުން ހުއްޓުވަން ޗައިނާ ސަރުކާރުން ބޯޑަރުތައް ބަންދުކުރުމާއި، އެތައް ދުވަހެއް ވަންދެން ރަށްތައް ލޮކްޑައުން ކުރުމުގެ ސަބަބުން ޗައިނާގެ އިގްތިސާދަށް އެކަމުގެ ލޮޅުންތައްވަނީ އަރާފައެވެ. އިގްތިސާދަށް އޭގެ ހީނަރުކަން ވަނީ އައިސްފައެވެ.