2023 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން "މޯލްޑިވްސް ވާއު ފެސްޓް"ގެ ނަމުގައި މިއުޒިކް ޝޯވއެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހަމަޖައްސައިފިއެވެ.
މީލާދީ އައު އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ މި ޝޯވ އޮންނާނީ މާދަމާ ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. ޝޯވ ފެށުމަށް ހަމަޖެހިފައިވަނީ 8:30ގައެވެ.
"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ޝޯވގައި ބޮލީވުޑައި މިހާރު އަަރަމުން އަންނަ ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭ ހިމެނޭހެން ފަންނުވެރިންގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.
އިންޑިއާގެ ޕައުނީ އާއްމުންގެ މެދުގައި ބޮޑަށް މަޝްހޫރުވެގެންދިޔައީ 2017 ވަނަ އަހަރު ނެރުނު ޝާހްރުކް ޚާންގެ ފިލްމް "ރައީސް" އަށް އޭނާ ކިޔައިދިން ލަވަ "ލައިލާ މެ ލައިލާ" އިންނެވެ. އޭނާ އެންމެފަހުން ލަވައެއް ކިޔާފައިވަނީ މިދިޔަ އޯގަސްޓްމަހު ނެރުނު ފިލްމް "ލައިގާ" އަށެވެ.
މި ޝޯވގައި ޕައުނީގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ފޭން ބޭސްއެއް "ހަބޭސް"ގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންދާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިގޮތުން، މީގެ ތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހުށަހެޅުންތައްވެސް ހިމެނޭނެއެވެ.
މީގެ އިތުރުން މިޝޯވގެ ތެރެއިން ހަވާއެރުވުން ވެސް އޮންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ
އައު އަހަރުގެ ފެށުން ފާހަގަކުރަން ހުޅުމާލެ ހިމެނޭހެން 79 ރަށެއްގައި ހަވާ އެރުވުމަށް ވަނީ ނިންމާފައެވެ. ހަވާއެރުވުމުގެ ކަންކަން ރާއްޖޭގައި އިންތިޒާމްކުރާ ސިފްކޯއިން ބުނީ އޭގެ ތެރޭގައި ހިމެނެނީ މީހުން ދިރިއުޅޭ ފަސް ރަށާއި، 74 ރިސޯޓު ކަމަށެވެ.
ރާއްޖޭގައި ހަވާއަރުވަނީ އެމްއެންޑީއެފްގެ ސިފްކޯ ކުންފުނިން ވިޔަފާރި އުސޫލުންނެވެ. ސިފްކޯއިން މީގެކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކާއި އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ.
އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެންވެސް މީގެކުރިން ވަނީ މާލެގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެކުރިން ވަނީ ހަވާ އަރުވާފައެވެ.
ނަމަވެސް ސިޔާސީ ހަރަކާތްތަކަށް ހަވާ އަރުވައެއް ނުދެއެވެ.