ޗައިނާއިން އަންނަ މީހުން ކޮވިޑަށް ޓެސްޓްކުރަން ބައެއް ގައުމުތަކުން ކުރަމުންދާ މަސައްކަތަށް ޗައިނާ ސަރުކާރުގެ ނޫސްތަކުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ކޮވިޑްބަލީގެ ހާލަތު ޗައިނާގައި ގޯސްވަމުންދާ ކަމަށްބުނެ، ދުނިޔޭގެ ބައެއް ގައުމުތަކަށް ދަތުރުކުރާ ޗައިނާ ރައްޔިތުން ޓެސްޓްކުރަން ނިންމުމަކީ، ޗައިނާގެ ރައްޔިތުންނާމެދު ތަފާތުކުރުމުގެ އަމަލެއް ކަމަށްވެސް ނޫސްތަކުން ބުނެފައި ވެއެވެ.
ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސްއިން ބުނެފައިވަނީ، ބައެއް ގައުމުތަކުގެ ބޭނުމަކީ ކޮވިޑް ހުއްޓުވަން ތިންއަހަރު ޗައިނާ ސަރުކާރުން ކުރި މަސައްކަތްތައް ހަލާކުކުރުން ކަމަށާއި، ޗައިނާ ރައްޔިތުންނާ ދެކޮޅަށް އެ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަކީ މާނައެއްހުރި ފިޔަވަޅުތަކެއް ނޫން ކަމަށެވެ.
ޗައިނާ ސަރުކާރުން މިހާރުވަނީ، ތިން އަހަރަށްފަހު މިފެށޭ ޖެނުއަރީމަހުގެ 8 ވަނަ ދުވަހުން ފެށިގެން އެތެރެއާއި، ބޭރުގެ ދަތުރުވެރިންނަށް ބޯޑަރު ހުޅުވާލަން ނިންމާފައެވެ.
ބޯޑަރު ހުޅުވާލާއިރު، ޗައިނާގެ ރައްޔިތުން ބޭރު ގައުމުތަކަށް ދަތުރުފަތުރުކުރުން ހުއްޓުވާފައި އޮތް އޮތުންވެސް އުވާލާނެއެވެ. އަދި އެ ދުވަހުން ފެށިގެން ބޭރު ގައުމުތަކުން ޗައިނާއަށް އަންނަ މީހުންވެސް ކަރަންޓީނުވާން ނުޖެހޭނެގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް 48 ގަޑިއިރުނުވާ ޕީސީއާރް ޓެސްޓުގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހެއެވެ.
ޒީރޯ ޓޮލަރެންސް ޕޮލިސީގެ ދަށުން، ކޮވިޑް ފެތުރުން ހުއްޓުވަން ޗައިނާ ސަރުކާރުން ބޯޑަރުތައް ބަންދުކުރުމާއި، އެތައް ދުވަހެއް ވަންދެން ރަށްތައް ލޮކްޑައުން ކުރުމުގެ ސަބަބުން ޗައިނާގެ އިގްތިސާދަށް އެކަމުގެ ލޮޅުންތައްވަނީ އަރާފައެވެ. އިގްތިސާދަށް އޭގެ ހީނަރުކަން ވަނީ އައިސްފައެވެ.
މި ފެށޭ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ޗައިނާއިން އަންނަ މީހުން ކޮވިޑް ޓެސްޓުގެ ނެގަޓިވް ނަތީޖާ ހުށަހަޅަން ޖެހޭ ގޮތަށް ބައެއް ގައުމުތަކުން ހަމަޖައްސަމުންދާއިރު، އިޓަލީ ސަރުކާރުންވަނީ، އެގައުމުގެ ރައްޔިތުން ޗައިނާއަށް ދަތުރުކުރުމުގައި ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ.
އިޓަލީގެ ނިންމުމާ އެއްގޮތަށް ޔޫރަޕް އިއްތިހާދުގެ އެހެން ގައުމުތަކުންވެސް އަމަލުކުރުމަށް އިޓަލީން ގޮވާލި ނަމަވެސް، ފްރާންސް، ޖަރުމަނު، ޕޯޗިގަލްއިން ބުނެފައިވަނީ އެފަދަ ފިޔަވަޅެއް ނާޅާނެ ކަމަށެވެ.
އޮސްޓްރިއާއިން ބުނެފައިވަނީ، ޗައިނާގެ ދަތުރުވެރިންގެ ސަބަބުން އިގްތިސާދަށް އޭގެ މަންފާ ލިބޭ ކަމަށެވެ.
ދުނިޔޭގެ ބޮޑެތި އެތައް ގައުމަކުން ބުނެފައިވަނީ އެ ގައުމުތަކަށް އަންނަ ޗައިނާ ރައްޔިތުން ކޮވިޑަށް ޓެސްޓްކުރުން ލާޒިމްކުރަން ބޭނުން ނުވާ ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗައިނާގެ ފަތުރުވެރިންނާއި، ދަތުރުވެރިން ޒިޔާރަތް ކުރާއިރު، ޗައިނާ މީހުން އަހަރެއްގެ މައްޗަށް 250 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއަދު ބުނެފައިވަނީ، ޗައިނާގެ ބަލީގެ ހާލަތާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ.
ޑަބްލިޔުއެޗްއޯގެ ވެރިޔާ ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، ޗައިނާއިން ފުރިހަމަ މައުލޫމާތު ނުލިބޭނަމަ، ގައުމުތަކުން އެގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އެޅުން "އަންޑަސްޓޭންޑް" ވާ ކަމަށާއި، ގައުމުތަކުގެ ކަންބޮޑުވުންތައް ގަބޫލުކުރެވޭ ކަމަށެވެ.