އާ ރޭޓުގައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ނަގަން ފެށުމުން ރާއްޖޭގައި ތަކެތީގެ އަގު ދެ އިންސައްތައަށް އުފުލިއްޖެއެވެ.
މީރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެކްސްގެ މިންވަރަށް އަންނަ ބަދަލަށް ވިޔަފާރިތަކުން ތައްޔާރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ހިމެނޭ ފެކްޓް ޝީޓް އެ އިދާރާގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ. އެ ޝީޓުގައި ޓެކްސް ނަގާ މިންވަރު ބަދަލުވުމާ ގުޅިގެން ކަޓް-އޯފް ޓައިމް ކަނޑައަޅައި، ޖީއެސްޓީ ނަގާނެ ރޭޓް ކަނޑައަޅާނެ ގޮތް ހިމަނައިފާނެ ކަމަށް މިރާއިން މައުލޫމާތުދެއެވެ.
24 ގަޑިއިރު ހިދުމަތް ނުދޭ ވިޔަފާރިތަކުން އާ ރޭޓުގައި ޖީއެސްޓީ ނުވަތަ ޓީ-ޖީއެސްޓީ ނަގަން ފަށާފައި ވަނީ މިއަދު (1 ޖެނުއަރީ 2023ގައި) އެ ވިޔަފާރިތަށް ހުޅުވި ވަގުތުން ފެށިގެންނެވެ. ނަމަވެސް 24 ގަޑިއިރު ހިދުމަތްދޭ ވިޔަފާރިތަކުން ހޮނިހިރު ދުވަހުގެ ރޭ 12:00އިން ފެށިގެން އާ ރޭޓުގައި ޖީއެސްޓީ ނުވަތަ ޓީ-ޖީއެސްޓީ ނަގަން ފަށާފައިވެއެވެ.
މިއަދުން ފެށިގެން ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ އަގު ޖަހާފައި ހުންނަންވާނީ އާ ރޭޓުގައި ޖީއެސްޓީ ހިމަނައިގެން ކަމަށް މީރާއިން ބުނެއެވެ.
މިއަަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީ އާއި ޓީ-ޖީއެސްޓީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބިލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. މި ބިލަކީ، އެ އަހަރުގެ ނޮވެންބަރު 16 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ބިލަށް ގެނައި އިސްލާހުގެ މައިގަނޑު މަގްސަދަކީ، ކޮވިޑް-19ގެ ސަބަބުންނާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދައުލަތުގެ ހަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމާއި، ގައުމުގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ހަރަދުތައްކުރުމަށް ދައުލަތުގެ އާމުދަނީ އިތުރުކުރުމެވެ. މި އިސްލާހުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީގެ ރޭޓު މަތިކުރުމަށްޓަކައި މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވަނީ ގެނެސްފައެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސްގެ މިންވަރަކީ 16 އިންސައްތަ ކަމުގައި ކަނޑައަޅާފައިވެއެވެ. ކުރިން ނަގަނީ 12 އިންސައްތައެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުން ނެގޭ ޓެކްސްގެ މިންވަރަކީ 8 އިންސައްތަ ކަމުގައިވެސް ކަނޑައަޅާފައިވެއެވެ. ކުރިން ނަގަނީ 6 އިންސައްތައެވެ.