ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވަނީ ދިވެހި ކޮންމެ ރައްޔިތަކަށްދީފައެވެ.

މި މާއްދާގައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ސަރީޚަ ބަހުން ބަޔާންކޮށްފައެވެ.

އެހެންނަމަވެސް ވޭތުވެދިޔަ އެކި ސަރުކާރުތަކުން ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މި ޙައްޤު ނުދޭކަމަށްބުނެ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ޝަކުވާތައް އާންމުވެގެންދިޔައީ މަދެއްކޮށެއް ނޫނެވެ.

ކޯލިޝަން ސަރުކާރަކާއިއެކު ވެރިކަމަށް ވަޑައިގަތް ރައީސް ޞާލިޙް ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހުރިހާ ސިޔާސީ ފަރާތްތަކަށް ވެސް ފުރިހަމައަށް ދޭނެކަމުގައި ވިދާޅުވެ އެއީ ކޯލިޝަން ސަރުކާރުގެ ވަޢުދެއްކަމަށް ވިދާޅުވެފައެވެ. ރޭގެ ޙަރަކާތުން އެމަނިކުފާނާއި ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން ދެއްކެވީ މި ވަޢުދު ފުއްދަވާފައިވާކަމުގެ ފުރިހަމަ މިސާލެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ވެރިކަންކުރާ އެމްޑީޕީން ރޭ ހެންވޭރު އާޓިފިޝަލް ބީޗު ކުރިމައްޗަށްވާ ގޮތަށް ހުންނަ އެ ޕާޓީގެ މައި ހަރުގޭގައި ބޭއްވީ މިއަހަރުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ޞާލިޙް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ޖަލްސާއެވެ. އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމުން އާޓިފިޝަލް ބީޗުގައި ބޭއްވީ ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންގެންދަވާ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު ޢަބަދުﷲ ޔާމީނު މިނިވަންކުރުމަށް ގޮވާލައި ކުރިއަށްގެންދިޔަ ޖަލްސާއެވެ.

ސިޔާސީ ބޮޑު ދެ ޙަރަކާތެއް އެއް މައިދާނަކުން ގާތްގަޑަކަށް އެއްވަގުތެއްގައި އަމާންކަމާއި ސުލްޙަ މަސަލަސްކަމާއިއެކު ނިންމާލިއިރު ފެނިގެންދިޔައީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ ފުރިހަމަގޮތުގައި ލިބިދިންތަނެވެ.

އިދިކޮޅު ކޯލިޝަނުގެ ޙަރާކަތަށް ސަރުކާރު ހިންގާ ކޯލިޝަނުން ފުރިހަމަ އެއްބާރުލުންދީ ޤާނޫނު އަސާސީގައި ބަޔާންވެފައިވާގޮތައް ޙިޔާލު ފާޅުކުރުމުގެ މިނިވަނަކަން ދިންތަން ފެނުނުއިރު ކުރީގެ ސަރުކާރުތަކުންވަނީ އެސަރުކާރަކާއި އިދިކޮޅު ފަރާތްތަކަށް ސިޔާސީ ޙަރަކާތް ހިންގުމަށް ހުރަސްއަޅައި އެއްވެ އުޅުމުގެ މިނިވަންކަމަށްވެސް ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

އެހުރިހާ މިނިވަންކަމެއް އަލުން ދީ ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދޭ ހައްޤު އަލުން ކަށަވަރުކޮށްދިންތަން މިފެނުނީ ސަރުކާރު ހިންގާ ކޯލިޝަނުގެ ޕާޓީތަކެވެ.

މިހެންކަމުން ރެއަކީ ހަމަގައިމުވެސް ސިޔާސީ ގޮތުން ތާރީޚި ބޮޑު ރެއެކެވެ.