މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު ހުންނެވި ފަޅި ބަދަލުކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ނުކުންނާނެ ކެންޑިޑޭޓަކާމެދު ޚިޔާލުތަފާތުވުން އުފެދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެޕާޓީގެ އިސް ލީޑަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދެ ބޭފުޅުންވެސް މިހާރު ކުރިއަށްގެންދާއިރު ދެބޭފުޅުންގެ ކެމްޕެއިން ފޯރިގަދަވެ ދެ ފަރާތުންވެސް އަންނަނީ ފާޑުކިޔުންތަކާއި ހޫނު ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.

އެމްޑީޕީގެ ފަރާތުން ނުކުންނާނެ ކެންޑިޑޭޓަކާމެދު ޚިޔާލުތަފާތުވުން އުފެދުނު ހިސާބުން ފެށިގެން މިފަހަކާއި ޖެހެންދެން ވެސް މެމްބަރު ޔާސިރު ހުންނެވީ ރައީސް ޞާލިޙްގެ ފަޅީގައެވެ. އެކަމަކު ކުއްލި ގޮތަކަށް އޭނާ ވަނީ ފަޅި ބަދަލުކުރައްވައި ރައީސް ނަޝީދަށް ތާއިދުކުރައްވާކަން ހާމަކުރައްވާފައެވެ.

މިކަމާއި ގުޅިގެން މެމްބަރު ޔާސިރު ވިދާޅުވީ މި ސަރުކާރަށް ބޭނުންވި ހުރިހާ ކަމެއްގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެއްބާރުލުން ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި ކުޅުދުއްފުށި ސީޓީގެ ތަރައްގީއަށް މި ސަރުކާރުން ރާވާފައިވާ މަޝްރޫއުތައް ކުރިއަށްދާ ދުވެލި ވަރަށް ލަހެވެ.

އެހެން ކަމުން، މި ހިނގާ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހަށް ކުރެއްވި ތާއިދު އަނބުރާ ގެންދަވައި، އެ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

ޕްރައިމަރީއާ ގުޅިގެން އެމްޑީޕީ ދެ ބަޔަކަށް ބެހިފައިވާއިރު އެޕާޓީގެ ޗެއާޕާސަންއަކު ހޮވުމަށް މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި އިންތިޚާބާ ގުޅިގެންވެސް ޕާޓީ ވަރަށް ބޮޑަށް ބައިބައިވެފައި ވެއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ތަޢާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުއެވެ.