ރައްކާތެރި ނޫން ވަރަށް ގިނަ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު މާލޭގަ އަލިފާނުގެ ހާދިސާ ހިނގި ނީލަން ފިހާރަ ސަރަހައްދަށް ވަޑައިގެން މީޑިއާ ވާހަކަ ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ރައްކާތެރި ނޫން ވަރަށް ގިނަ ތަންތަން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އެބަހުރި ކަމަށާއި، އެކަންކަން ބަދަލުކުރަންޖެހޭ ކަމަށެވެ.
ސަރުކާރުން މަސައްކަތްކުރަމުންދަނީ މާލޭގައި ހުރި މިފަދަ ތަންތަނާއި، ގަރާޖުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުން ދުރަށް ބަދަލު ކުރުން ކަމަށެވެ. އަދި އެމަސައްކަތް މިހާރުވެސް ކުރަމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނާއިބު ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި މި ބާވަތުގެ ކަންކަން ނުހިނގާނެ ގޮތަކަށް ކަންކަން ޕްލޭންކުރުން ކަމަށާއި އަދި އެ ޕްލޭނާއި އެއްގޮތަށް ކަންކަން ކުރިއަށްދާނެ ކަމަށެވެ.
ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިޔަށްގެންދެވުމަށާއި މާލޭގައި ހުރި ވޯކްޝޮޕް ގަރާޖުފަދަ ތަންތަން އަވަސްގޮތެއްގައި އެހެންތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް ކަމާބެހޭ ފަރާތްތަކުން ތައްޔާރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.