ނ. އަތޮޅު މާފަރަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އެއްވެސް ތަރުހީބެއް ނުލިބޭކަމަށް މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދްނާން ހާމަކުރައްވައިފިއެވެ.

މިކަމާގުޅޭގޮތުން "ވީ ނިއުންސް" އިން ނ. މާފަރު ކައުންސިލްގެ ރައީސާއި ސުވާލުކުރުމުން، އެބޭފުޅާ ވިދާޅުވީ، ރައީސް ނަޝީދު އެ ރަށަށް ވަޑައިގެންއިރު އެއްވެސް ތަރުހީބެއް އޮންނަ ގޮތަކަށް ކަންތައްތައް ރޭވިފައި ނުވާ ކަމަށެވެ.

އެހެންކަމުން ރައީސް ނަޝީދާއި ބައްދަލުކުރީ ހަމައެކަނި ކައުންސިލާއި ކެންޕެއިން ޓީމު ވަކިން ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަދްނާން ވިދާޅުވީ، ރައީސް ނަޝީދު އެރަށަށް ވަޑައިގަތުމަކީ ތަރުހީބަށް ކުރަންޖެހޭ ކަމެއްކަމުގައި ދެކިވަޑައިނުގަންނަވާކަމަށާއި، އެއީ އެއްވެސް ވަރަކަށް މީހުން ނެރިގެން ކުރަންޖެހޭކަމެއް ނޫން ކަމަށެވެ.

ކައުންސިލްގެ ރައީސް މިފަދައިން ދެކިވަޑައިގަންނަވާ ނަމަވެސް އާންމު ގޮތެއްގައި ކެމްޕެއިންގެ ބޭނުމަށް ސިޔާސީ ބޭފުޅުން މިފަދައިން ރަށްރަށަށް ޒިޔާރަތްކުރައްވާއިރު، ލިބޭ ތަރުހީބަކީ އެ ސިޔާސީ ފަރާތައް އޮތް ތަރުހީބު ހާމަވެގެންދާކަމެކެވެ. އެހެންކަމުން ކަންމިހެން ހިނގައިދިޔުމުން ރައީސް ނަޝީދަށް އޮތް ތަރުހީބާއި މެދު ސުވާލު އުފެދޭކަމަށް ގިނަ ބަޔަކކު ބުނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ރައީސް ނަޝީދުގެ އިތުރުން ވާދަކުރައްވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ވެރިކަން ކުރާ މައި ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، އެބޭފުޅަކަށް ތާއީދު ކުރާ 500 މެމްބަރުންގެ ތާއީދާއީއެކު މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ހުށައެޅުމަށް އެޕާޓީއިން ވަނީ އެދިފައެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދު ބުނާގޮތުން އެޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް އެއްމަސް ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ.