ފާއިތުވެދިޔަ ހަފުތާގައި ރާއްޖެއިން ނުވަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 185،702 އަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ނުވަމީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މީގެތެރެއިން މާލެއިން ކޮވިޑަށް ޕޮޒިޓިވްވީ ދެ މީހުންނެވެ.
އަދި އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްތަކުން ހަތް މީހަކު ޕޮޒިޓިވްވެފައިވާއިރު، ބަލިޖެހިގެން 2 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް ޖުމްލަ 311 މީހަކު މަރުވެފައި ވެއެވެ.
މިދިޔަ ހަފްތާގައި ނުވަ މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ކުރީ ހަފްތާގައި ރާއްޖޭން 15 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ، އޭގެތެރެއިން ހަތަރު މީހަކު ނިސްބަތްވަނީ ގްރޭޓާ މާލެ ސަރަހަށްދަށެވެ. އެކަކު އަތޮޅުތެރޭގެ ރަށްތަކަށް ނިސްބަތްވާއިރު، 10 މީހުން ނިސްބަތްވަނީ ރިސޯޓްތަކާއި، އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ދޫކޮށްފައިވާ ރަށްތަކަށްކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. ދެ މީހަކަށް އެ ހަފްތާގެ ތެރޭގައި ވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދީފައިވެއެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދައްވަމުން ދާއިރު މިދިޔަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1000 މައްޗަށް އަރާފައެވެ. އަދަދު ދަށަށްދާން ފެށީ އޮގަސްޓު މަހުގެ ކުރީކޮޅުއެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް އަބަދުވެސް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރާއިރު، މާސްކް އެޅުމަށާއި ގިނަގިނައިން އަތް ދޮވުމަށާއި ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އެދެއެވެ.
ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީއެންމެ އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރަންޖެހޭނެއެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެކަހެރިވުމާއި އެއްތާވި މީހުންގެ މައުލޫމާތު ފޯރުކޮށްދިނުން މުހިންމެވެ.