ޕޯޗުގަލްގެ ގައުމީ ފުޓުބޯޅަ ޓީމުގެ އައު ކޯޗުގެ މަގާމަށް، ވޯލްޑް ކަޕުގައި ބެލްޖިއަމްއަށް އިރުޝާދުދިން ކޯޗު، ރޮބާޓޯ މާޓިނޭޒް އައްޔަންކޮށްފިއެވެ.

އުމުރުން 49 އަހަރުގެ މާޓިނޭޒް ޕޯޗުގަލްގެ ހެޑް ކޯޗުގެ މަގާމަށް އައްޔަންކުރިއިރު، ފާއިތުވީ ދުވަސްތަކުގެ ތެރޭގައި އެ މަގާމަށް އަންނާނެ ކަމަށް ބެލެވޭ ގިނަ ކޯޗުންތަކެއްގެ ވާހަކަ މީޑިއާތަކުގައި ފެތުރިފައިވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު މިހާރު އިޓަލީގެ އޭއެސް ރޯމާއަށް އިރުޝާދުދެމުން އަންނަ ހޯސޭ މޮރީނިއޯއެވެ.

ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމަށް މާޓިނޭޒް އައްޔަންކުރީ، ނިމުނު ވޯލްޑް ކަޕަށްފަހު އެ މަގާމުން ފެނާންޑޯ ސަންޓޯސް ވަކިކުރުމާ ގުޅިގެން އެ މަގާމު ހުސްވިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ. އެ މަގާމުން ސަންޓޯސް ވަކިކުރީ، ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލާ ހަމައިން ޕޯޗުގަލް ކެޓުމާއި، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ނުދިނުމާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި އޭނާއަށް އެ މަގާމު ގެއްލުނީ ރޮނާލްޑޯއަށް ޓީމުން ފުރުސަތު ނުދިނުމުގެ ސަބަބުންނެވެ.

ކޯޗުކަމުގެ މަގާމާ ހަވާލުވުމަށްފަހު މާޓިނޭޒް ބުނީ، 19 އަހަރުގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލްގެ ގައުމީ ޓީމަށް ހޯދައިދީފައިވާ ކާމިޔާބީތަކަކީ އޭނާއަށް ޝުކުރުވެރިވެ، އިޚްތިރާމްކުރުން ހައްގު ކަމެއް ކަމަށެވެ. އަދި ޓީމުގައި ރޮނާލްޑޯގެ ހިއްސާ އޮންނާނެ މިންވަރަކާ ގުޅޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މަޝްވަރާތައް ކުރާނެކަމުގައި މާޓިނޭޒް ބުނެފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ޕޯޗުގަލްގެ ގައުމީ ޖާޒީގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ބޮޑުކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލްގެ ހެޑް ކޯޗުކަމުގެ މަގާމާ މާޓިނޭޒް ހަވާލުވިއިރު، އޭނާއަކީ ބެލްޖިއަމްގެ ގައުމީ ޓީމާއެކު ގިނަ ކުރިއެރުންތަކެއް ހޯދައިފައިވާ، ތަޖުރިބާކާރު ކޯޗެކެވެ. އެގޮތުން ބެލްޖިއަމްގެ 'ގޯލްޑަން ޖެނެރޭޝަން' ޓީމާއެކު މާޓިނޭޒް ވަނީ އެ ޓީމު ދުނިޔޭގެ ފުޓުބޯޅައިގެ ރޭންކިންގެ އެއްވަނަ މަގާމަށް ވާސިލްކޮށްދީފައެވެ. އެހެންނަމަވެސް އެ ޓީމާއެކު ބައިނަލްއަގްވާމީ މުބާރާތެއް އޭނާއަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.