ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ތަޖުރިބާކާރު ކީޕަރު، ހޫގޯ ލޮރިސް ބައިނަލްއަގްވާމީ ފުޓުބޯޅަ ކުޅުން ހުއްޓާލައި، ގައުމީ ޓީމުން ރިޓަޔާކުރަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

އުމުރުން 36 އަހަރުގެ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި މިވަނީ ފީފާ ވޯލްޑް ކަޕް 2022ގެ ފައިނަލުގައި އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެން ލިބުނު ނާކާމިޔާބީއާ ކުރިމަތިވިތާ ތިން ހަފްތާ ފަހުންނެވެ.

ލޮރިސް އަކީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕު މުބާރާތް ފްރާންސްއިން ކާމިޔާބުކުރިއިރު އެ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު ކުޅުންތެރިޔާއެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކޮށް ލޮރިސް ބުނީ، ގައުމީ ޓީމާއެކު ހާސިލްކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލްކުރެވިއްޖެ ކަމާއި، ޓީމަށް ފުރިހަމައަށް ހިދުމަތް ކުރެވިއްޖެކަމަށް ގަބޫލުކުރެވޭތީ ބައިނަލްއަގްވާމީ ފުޓުބޯޅައިން ރިޓަޔާކުރަން ނިންމީ ކަމަށެވެ.

އަދި ޔޫރޯ 2024 މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް ފަށަން ދެ މަހާއި ބައިގެ މުއްދަތެއްވާއިރު، މިއީ ކުޅުން ހުއްޓާލާނަމަ އެކަން އިއުލާންކުރަން އެންމެ އެކަށީގެންވާ ވަގުތުކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އުމުރުން 21 އަހަރުގައި ލޮރިސް ފްރާންސްގެ ސީނިއާ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިންއިރު އެ މެޗުގައި ކުޅެން ޖެހުނީ އުރުގުއާއިއާ ދެކޮޅަށެވެ. އެއީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. ގައުމީ ޓީމަށް 145 މެޗު ލޮރިސް ކުޅެދީފައިވާއިރު މިއީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ފްރާންސްގެ ގައުމީ ޓީމަށް އެއް ކުޅުންތެރިއަކު އެންމެ ގިނަ މެޗު ކުޅެދިން އަދަދެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ފްރާންސް ވަނީ 121 މެޗު ކުޅެފައެވެ. މިއީ ވެސް ރެކޯޑެކެވެ.

ވޯލްޑް ކަޕުގެ ރަން ތަށި އަދި ރަނަރަޕްކަން ހޯދުމުގެ އިތުރުން ލޮރިސް ވަނީ އެ ޓީމާއެކު ޔޫއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ. އަދި ޔޫއެފާ ޔޫރޯ މުބާރާތުގެ ރަނަރަޕްކަން ވެސް ލޮރިސްއާއެކު ފްރާންސްއިން ހޯދާފައިވެއެވެ.

ބައިނަލްއަގްވާމީ ފުޓުބޯޅައިން ލޮރިސް ރިޓަޔާކުރިނަމަވެސް އޭނާ ކުލަބު ފެންވަރުގައި އަދިވެސް ކުޅޭނެއެވެ. އޭނާ ކުޅެމުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެން އޭނާ ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ އަށެވެ. އެ ޓީމަށް އޭނާ ވަނީ ޖުމްލަ 353 މެޗު ކުޅެދީފައެވެ.