ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ސަޕޯޓަރުން، ބްރެޒިލްގެ ޕާލަމެންޓް އިމާރާތަށާއި، ރިޔާސީ ގަނޑުވަރަށާއި އަދި ސުޕްރީމް ކޯޓަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން 1،200 މީހުން ހައްޔަރު ކޮށްފިއެވެ.

ކުރީގެ ރައީސް ބޮލްސޮނާރޯއަށް ތާއީދުކުރާ އެތައްހާސް ބަޔަކު، ޕާލަމެންޓަށާއި، ރިޔާސީ ގަނޑުވަރަށް އަދި ސުޕްރީމް ކޯޓަށް މިވަދެގަތީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ، ރައީސްކަމުގެ ހުވާ ކުރެއްވިތާ ހަފްތާއެއް ފަހުންނެވެ.

އައު ރައީސް ލޫލާވަނީ، ކުރީގެ ރައީސް ބޮލްސޮނާރޯގެ ސަޕޯޓަރުން ހިންގި އަމަލުތަކަކީ ޓެރަރިސްޓް އަމަލުތަކެއް ކަމަށް ސިފަކުރައްވައި، އެ އަމަލުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ބަލި، ކުރީގެ ރައީސް ބޮލްސޮނާރޯ ގަބޫލުކުރައްވާފައެއް ނުވެއެވެ.

އަދި އައު ރައީސް ލޫލާ، ސަރުކާރާ ހަވާލުވުމުގެކުރިން ބައްވަންޖެހޭ ހޭންޑްއޯވަރ ރަސްމިއްޔާތުވެސް ނުބާއްވައި ބޮލްސޮނަރޯވަނީ އެމެރިކާއަށް ފުރާވަޑައިގެންފައެވެ.

ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ ރައީސްކަމުގެ ހުވާ ކުރެއްވިތާ ހަފްތާއެއްފަހުން، ބޮލްސޮނާރޯގެ އެތައްހާސް ސަޕޯޓަރުން ވެރިރަށް ބްރަސީލިއާގެ މަގުތަކަށް ނުކުމެ ތަންތަނުގައި ހުޅުޖަހައި ބޮޑެތި ހަމަނުޖެހުންތައް ހިންގާފައި ވެއެވެ. އެމީހުން ތިބީ، ބްރެޒިލްގެ ގައުމީ ޓީމުގެ ޖާރޒީ ރަމްޒުކޮށްދޭ ރީނދޫ ކުލައިގެ ޓީޝާޓް ލައިގެންނެވެ.

މަގުތަކަށް ނުކުތްމީހުންވަނީ، ފުލުހުންނަށްވެސް ހަމަލާދީފައެވެ. އަދި ޕާލަމެންޓް އިމާރާތަށް ވަދެގަނެ، ބޮޑެތި ގެއްލުންތައް ދީފައި ވެއެވެ.

މިކަމާހެދި، ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާއަށް ޖެހިވަޑައިގެންނެވީ އިމަޖެންސީ ބާރުގެ ބޭނުން ކުރައްވާށެވެ.

ހަމަނުޖެހުން ހިންގި 300 އަށްވުރެ ގިނަމީހުން އާދީއްތަ ދުވަހު ހައްޔަރު ކޮށްފައިވާއިރު، ފުރިހަމަ ހަތިޔާރާއެކު ނުކުމެ ސަލާމަތީ ބާރުތަކުން އިއްޔެވަނީ، ބޮލްސޮނާރޯގެ ސަޕޯޓަރުން ވެރިރަށް ބްރަސީލިއާގައި ޖަހާފައިވާ ކޭމްޕްތައް ރޫޅާލައި އެތައްސަތޭކަ ބަޔަކު ހައްޔަރު ކޮށްފައެވެ.

އައު ސަރުކާރުގެ ޖަސްޓިސް މިނިސްޓަރ ފްލާވިއޯ ޑީނޯ ވިދާޅުވީ، ބޮލްސޮނާރޯގެ ސަޕޯޓަރުން ވެރިރަށަށް ޖަމާކުރުމަށް ބޭނުންކުރި 40 ބަސް، ހިފަހައްޓާފައިވާ ކަމަށެވެ.

ކުރީގެ ރައީސް ބޮލްސޮނާރޯގެ ސަޕޯޓަރުން ޕާލަމެންޓް އިމާރާތަށް ވަދެގަނެ އެތައް ހިސާކުރުން ގިނަ ބަޔަކު ސިފަކުރަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެގަނެ ހިސާރުކުރުމާ އެއްގޮތް އަމަލެއްގެ ގޮތުގައެވެ.

ހަމަނުޖެހުންތަކުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް ބޮލްސޮނާރޯކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެމެރިކާގައި ހުންނެވި ބޮލްސޮނާރޯވަނީ ހަމަނުޖެހުން ހިންގިތާ ހައެއްކަ ގަޑިއިރުފަހުން ޓްވީޓެއް ކުރައްވައި، އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ވިދާޅުވީ، އެއީ، އޭނާ ހިތްވަރު ދެއްވައިގެން ނުކުމެގެންއުޅޭ ބައެއް ނޫން ކަމަށެވެ.

އަދި ބޮލްސޮނާރޯވަނީ، ބްރަސީލިއާގައި ހިންގި ހަމަނުޖެހުންތައް ކުށްވެރިވެސް ކުރައްވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބޮލްސޮނާރޯ މިވަގުތު އޮންނެވީ ފްލޮރިޑާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ. ޖެހިވަޑައިގެންނެވި އާލާސްކަންފުޅެއް އަދި ސާފެއް ނުވެއެވެ.