މި ދުވަސްވަރު ލޮލުރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
ލޮލުރޯގާ (ކޮންޖަންކްޓިވައިޓިސް) އަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ރޯގާއެކެވެ. އެ ރޯގާގެ އަލާމަތްތަކުގެ ތެރޭގައި ހުންއައުން، ލޮލުން ފެންއައުން، ލޯހިރުވުން އަދި ލޯ ރަތްވުމުގެ އިތުރުން ލޮލުގައި މަޑުލުން ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކު ކުރެވޭނަމަ، ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ނުވަތަ ސިއްޙީ އެހީތެރިއަކަށް ދައްކައިގެން ފަރުވާ ހޯދުމަށް އިލްތިމާސް ކޮށްފައެވެ.
އަދި ލޮލުރޯގާއިން ސަލާމަތްވުމަށްޓަކައި، ގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމާއި، ލޮލުގައި އަތްލުމާއި ނުވަތަ އުނގުޅުމުން ދުރުހެލިވުމުގެ އިތުރުން ބޭނުން ކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރަށްކާތެރި ގޮތުގައި ނައްތާލުމަށް އެޗްޕީއޭއިން އެދެއެވެ.
ލޮލު ރޯގާއަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން މި ބަލި ޖެހިފައިވާ ފަރާތެއް ލޮލަށް އެޅުމަށް ބޭނުންކުރާ ބޭސް ބަލި ނުޖެހޭ މީހުން ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.