ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ލަސްތަކެއްނުވެ ނިންމާލެވޭނެ ކަަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙުމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރ.މީދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް މިހާރު ނިމެނީ ކަމަށާއި އަދި ހދ. ނޮޅިވަރަމް އާއި ލ.މާމެންދޫ ދަނޑު އިރާދަކުރެއްވިއްޔާ ދެން މާލަސްނުވެ ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރ މައުލޫމާތުދޭ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އެއްފަހަރާ އެތައްސަތޭކަ ޕްރޮޖެކްޓެއް ސަރުކާރުން ކުރިއަށްގެންދާއިރު ތަފާތު ސަބަބުތަކާ ހެދި ބައެއްކަންކަން ލަސްވާ ކަމަށެވެ.
ތިން ރަށެއްގެ ފުޓްބޯޅަދަނޑުގެ މަސައްކަތް ލަސްތަކެއްނުވެ ނިންމާލެވޭނެ ކަަމަށް ވަޒީރު ވިދާޅުވީއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކުޅިވަރުގެ ދާއިރާއިން ވައުދުވެވަޑައިގަތް ވަރަށްވުރެ މާ ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ކަމަށް މިދިޔަ އަހަރު މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޚްލޫފް ވަނީ ވިދާޅުވެފައެވެ.
އެފްއޭއެމް ސިޔާސީ ނުފޫޒުން އެއްކިބާކުރުމާއި ކުޅިވަރުގައި އަންހެނުންގެ ދައުރު ބޮޑުކުރުމާއި ކޮންމެ ރަށެއްގައި ފުޓްބޯޅަ ސްޓޭޑިއަމްތަކާއި އިންޑޯ ސްޕޯޓްސް ސްޓޭޑިއަމްތައް އެޅުމަކީ މިސަރުކާރުގެ ކުޅިވަރުގެ ދާއިރާގެ ވަޢުދުތަކެވެ.
ރައީސްގެ މި ވައުދުފުޅުތަކާއި އެއްގޮތައް ގިނަރަށްރަށުގައި މިހާރު ފުޓްސެލްދަޑުތައް ތަރައްޤީކޮށް ނިމިފައިވާ ކަމަށް ކުޅިވަރާއިބެހޭ އިދާރާއިން ބުނެއެވެ.
އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 40 ފުޓުބޯޅަ ދަނޑު އަޅާފައިވާކަން މީގެކުރިން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. އަދި މިދިޔަ އަހަރު އިތުރު 50 ދަނޑެއްގެ މަސައްކަތް ކުރިއަށްގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އަދި އަމާޒަކީ މީގެތެރެއިން 30 ދަނޑެއްގެ މަސައްކަތް ހުސްވި އަހަރަށް ނިންމާލުން ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.