ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ އައިޓީއެފް އޭޝިއާ 14 އެންޑް އަންޑާ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިންގެ ސެމީފައިނަލަށް ރާއްޖޭގެ 14 އަހަރުން ދަށުގެ ގައުމީ ޓެނިސް ޓީމުން ދެ އިވެންޓެއްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ސެމީގެ ޖާގަ ހޯދީ ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓުންނެވެ.

ރާއްޖޭގެ ނަބާ ނިޝާންއާއި އިމާނީ މޫސާ ކަލީމްގެ ޕެއާއިން އަންހެން ޑަބަލްސް އިވެންޓުގެ ސެމީގެ ޖާގަ ހޯދީ، ބަންގްލަދޭޝްގެ އަޚްތަރު ސުމިޔާއާއި ހުމައިރާ ހައިދަރުގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗު ރާއްޖޭގެ ޕެއާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި ދެ ސެޓު ވެސް ނަބާއާއި އިމާނީ ކާމިޔާބުކުރީ 4-6 އިންނެވެ. ސެމީފައިނަލުގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ މިޔަންމާގެ އެންމެ ވަރުގަދަ ޔޫތު ޕެއާ އާއެވެ.

މުބާރާތުގެ ފިރިހެން ޑަބަލްސްގެ ސެމީއަށް ދަތުރުކުރީ ރާއްޖޭގެ މުހައްމަދު ނޫހު ނާޒިހު އާއި އާދަމް އާލް ނިޔާޒުގެ ޕެއާއެވެ. މި ޓީމު ސެމީން ޖާގަ ހޯދީ ކުއާޓާފައިނަލުގައި ކެމްބޯޑިއާގެ ލާ ޕްލަނޭޓާ އާއި ރަތާނަކްގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މޮޅާއެކު ސެމީފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ޕާކިސްތާނުގެ ހަމްޒާ ރޯމަން އާއި ތަލްހާ އަބޫބަކުރުގެ ޕެއާ އެވެ.

މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ދެމެދު ބަންގްލަދޭޝްގައި ކުރިއަށްދާ، އައިޓީއެފް އޭޝިއާ 14 އެންޑް އަންޑާ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިންގައި ވާދަކުރުމަށް އެ ގައުމަށް ފުރި ޓީމުގައި ނަބާގެ އިތުރުން ދެން ހިމެނެނީ އިމާނީ މޫސާ ކަލީމްއާއި މުހައްމަދު ނޫހް ނާޒިހްގެ އިތުރުން އާދަމް އާލް ނިޔާޒްއެވެ.

މި ކުޅުންތެރިންނަށް އިރުޝާދުދިނުމަށް ކޯޗެއްގެ ގޮޮތުގައި ހަރަކާތްތެރިވާނީ ކުމާރް އަދިކާރީއެވެ.

ފަހަކަށް އައިސް ރާއްޖޭއިން ޓެނިހުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ޗެލެންޖުގައި ވެސް ރާއްޖެއަށް ރަނގަޅު ކާމިޔާބީއަކާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ބޮޑެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މި އިވެންޓުގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ ބޫޓާން، ބްރޫނާއި، ކެމްބޯޑިއާ، ޗައިނާ، ޗައިނީސް ޓައިޕޭ، ޖަޕާން، ލާއޯސް، މަކާއު، މޮންގޯލިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާންގެ އިތުރުން ސިންގަޕޫރާއި ޓިމޯ-ލެސްޓް އެވެ.