ސްރީލަންކާގެ ކުރީގެ ރައީސުން ކަމަށްވާ މަހިންދަ ރާޖަޕަކްސައާއި، ގޮޓަބާޔަ ރާޖަޕަކްސަ ކެނެޑާއަށް އެރުން، އެގައުމުން މަނާކޮށްފިއެވެ.

މިއީ، ސްރީލަންކާގައި ހިނގައިދިޔަ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް ކެނެޑާ ސަރުކާރުން ބުނެފައި ވެއެވެ.

ތަމަޅަ ޓައިގަރު ޖަމާއަތުން ސްރީލަންކާގެ އުތުރާއި އިރުމަތީގައި ވަކި ދައުލަތެއް ގާއިމްކުރުމަށް ކުރަމުންދިޔަ ދިގުލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައުމަށް ސްރީލަންކާގެ އަސްކަރިއްޔާއިން ވަރުގަދަ އޮޕަރޭޝަނެއް ހިންގިއިރު، ސްރީލަންކާގެ ވެރިކަމުގައި ހުންނެވީ މަހިންދަ ރާޖަޕަކްސައެވެ. ދިފާއީ ވަޒީރުކަމުގައި ހުންނެވީ ގޮޓަބާޔަ ރާޖަޕަކްސައެވެ.

ބައިނަލްއަގްވާމީ އޮބްޒާވަރުން ބުނާގޮތުގައި، ހަނގުރާމަ ނިންމުމަށް ދެވުނު އެންމެފަހު ފިޔަވަހީގެ ހަމަލާތަކުގައި ތަނެއްދޮރެއް ނުބަލައި ބޮން އެޅުމުގެ ސަބަބުން ގާތްގަނޑަކަށް 40،000 ތަމަޅަ އާންމުން މަރުވިއެވެ.

ހަނގުރާމަ ނިންމުމަށް ދެވުނު އެންމެފަހު ފިޔަވަހީގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާ ސިފައިންގެ އިސް ކޮމާންޑަރުންނާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން، އެ ގައުމުތަކަށް ދަތުރުކުރުންވެސް އޮތީ މަނާކޮށްފައެވެ.

އެހެން ނަމަވެސް، ކެނެޑާ ވެގެންމިދިޔައީ، ނުފޫޒުގަދަ ރާޖަޕަކްސަ އާއިލާގެ އެންމެ އިސް 2 މެމްބަރުންނާ ދެކޮޅަށް މިފިދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމަށެވެ.

ކެނެޑާ ސަރުކާރުގެ ނިންމުމާ ގުޅިގެން ސްރީލަންކާގެ ޚާރިޖިއްޔާއިން ވަނީ، ސްރީލަންކާގައި ހުންނަވާ ކެނެޑާގެ އެކްޓިންގ އެމްބަސެޑަރ ޚާރިޖިއްޔާއަށް ހާޟިރުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކެނެޑާއަށް އެރުން މަނާކުރި ދެ ބޭފުޅުން ކަމަށްވާ މަހިންދަ ރާޖަޕަކްސައާއި ގޮޓަބާޔަ ރާޖަޕަކްސަވެސް މި ވަގުތު ތިއްބެވީ ސްރީލަންކާގައެވެ.

ގޮޓަބާޔަ ރާޖަޕަކްސަ ރައީސްކަމުގައި ހުންނެވިއިރު، ބޮޑުވަޒީރަކީ އެއްބަނޑު އެއްބަފާ ބޭބޭފުޅު މަހިންދަ ރާޖަޕަކްސައެވެ.

ސަރުކާރާ ދެކޮޅަށް އެތައްހާސް އާންމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށުމުން، މުޒާހަރާ ހުއްޓުވުމަށް އެޅި ފިޔަވަޅުތަކުގެ ދަށުން މަހިންދަ ރާޖަޕަކްސަވެސް މަޖުބޫރުވެވެޑައިގެން މަގާމުން އިސްތިއުފާ ދެއްވިއެވެ.

ނަމަވެސް، މުޒާހަރާ ނުހުއްޓި، އެތައްހާސް އާންމުން ރިޔާސީ ގަނޑުވަރު ވަށާލުމުން، ރައީސް ގޮޓަބާޔަ ސްރީލަންކާ ސިފައިންގެ އެހީގައި އަސްކަރީ ޖެޓެއްގައި ދިވެހިރާއްޖެ ވަޑައިގަތުމަށްފަހު ސައުދީ އެއަރލައިންގެ މަތިންދާ ބޯޓެއްގައި ވަޑައިގެންނެވީ ސިންގަޕޫރަށެވެ. އެއީ، މިދިޔަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހުއެވެ.

ސިންގަޕޫރުން ދިން "ޝޯޓް-ޓާރމް ވިޒިޓް ޕާސް" ގެ މުއްދަތު ހަމަވުމުން ގޮޓަބާޔަ ދެން ވަޑައިގެންނެވީ ތައިލެންޑަށެވެ.

ތައިލެންޑްގައި ދިގު މުއްދަތަކަށް ހުންނެވުމުގެ ހުއްދަ ތައިލެންޑް ސަރުކާރުން ނުދިނުމުން، ގޮޓަބާޔަ ރާޖަޕަކްސަ އެނބުރި ސްރީލަންކާއަށް ވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 2 ވަނަ ދުވަހުއެވެ.

ވެރިކަމުގައި ނެތްނަމަވެސް، ސްރީލަންކާގެ ޕާލަމެންޓް ކޮންޓްރީލް އޮންނަނީ މަހިންދަ ރާޖަޕަކްސަގެ ޕާޓީއަށެވެ. އަދި މިހާރު ވެރިކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ރައީސްކަމަށް އެންޑޯޒް ކުރެއްވީ ކުރީގެ ރައީސް ގޮޓަބާޔަ ރާޕަކްސައެވެ.

މަހިންދަ ރާޕަކްސައާއި، ގޮޓަބާޔަ ރާޖަޕަކްސައާ ދެކޮޅަށް ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން، ގައުމުން ފުރައިގެން ދިއުން މަނާކޮށްފައި އޮތް ނަމަވެސް، މި ޖެނުއަރީމަހުގެ 20 އިން 31 އަށް މަހިންދަ ރާޖަޕަކްސަ ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ސްރީލަންކާގެ ފޯރޓް މެޖިސްޓްރޭޓް ކޯޓުން ދީފައިވަނީ މިއަދުއެވެ.