ދަތުރުވެރިން މާސްކް އަޅަން ދުނިޔޭގެ ސިއްހަތު ހަމްއިއްޔާއިން ލަފާ ދީފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިކަމަށް ލަފާ މިދިނީ، އެމެރިކާއިން ފެނުނު އޮމިކްރޮންގެ ނުރައްކާތެރި ސަބްވޭރިއެންޓް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރޭން ފެށުމާ ގުޅިގެންނެވެ.
އޮމިކްރޮން ސަބްވޭރިއެންޓް XBB.1.5 އަކީ އިންސާނުންގެ މެދުގައި އެންމެ ހަލުވިކޮށް ކޮވިޑްބަލި ފަތުރާކަމަށް މިހާތަނަށް ރެކޯޑްކުރެވިފައިވާ ވޭރިއެންޓެވެ.
އެމެރިކާއިން ކޮވިޑްބަލިޖެހޭ މީހުންގެ 27.6 އިންސައްތަ މީހުންނަށް ބަލިޖެހުނީ މި ވޭރިއެންޓުންކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
އެހެން ނަމަވެސް، ޔޫރަޕުން އަދި ފެނިފައިވަނީ މަދު ގައުމަކުންނެވެ.
އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑަބްލިޔުއެޗްއޯގެ ސީނިއަރ އިމަޖެންސީ އޮފިސަރ ފޮރ ޔޫރަޕް، ކެތަރިން ސްމޯލްވުޑް ވިދާޅުވީ، ކޮވިޑްބަލީގެ ހާލަތު ގޯސް ސަރަހައްދުތަކުން އަންނަ މީހުން މާސްކް އަޅަން ގައުމުތަކުން އެންގުން މުހިންމު ކަމަށެވެ.
އަދި ބަލި ޖެހުމުގެ ރިސްކް ބޮޑު ސަރަހައްދުތަކަށް ދަތުރުކުރާއިރު މާސްކް އަޅައިގެން ދިއުމަށް އެންގުންވެސް މުހިންމު ކަމަށް ވިދާޅުވިއެވެ.
މީގެ މާނައަކީ، އެމެރިކާއިން އަންނަ ދަތުރުވެރިން ކޮވިޑަށް ޓެސްޓްކުރަންޖެހޭ ގޮތް ހެދުން ނޫން ކަމަށް ކެތަރިން ވިދާޅުވިއެވެ.
އޮމިކްރޮން ސަބްވޭރިއެންޓް XBB.1.5 ގެ ސަބަބުން އެމެރިކާއާއި އެހެން ގައުމުތަކުގައި ކަންބޮޑުވުންތައް އުފެދިފައިވާއިރު، ކޮވިޑް ފެތުރުން ހުއްޓުވަން އަޅަފައިވާ ފިޔަވަޅުތައް އުވާލުމާއެކު ޗައިނާގައި ބަލީގެ ހާލަތު އިތުރަށް ގޯސްވެގެން ގޮސްފައި ވެއެވެ. ޗައިނާގައި ގިނަ މީހުންނަށް ބަލި ޖެހެމުންދަނީ އޮމިކްރޮންގެ BA.5.2 އަދި BF.7 ސަބްވޭރިއެންޓުގެ ސަބަބުން ކަމަށް ޗައިނާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައި ވެއެވެ.
މި ކަމާހެދި ޗައިނާއިން ޔޫރަޕަށް އަންނަ މީހުން މާސްކް އެޅުމާއި، ކޮވިޑަށް ރެސްޑަމްކޮށް ޓެސްޓު ކުރުމާއި، ފްލައިޓްތައް ޑިސްއިންފެކްޓްކުރުން ވަރުގަދަކުރަން، ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީއާއި، ޔޫރަޕިއަން ސެންޓަރ ފޮރ ޑީޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލްއިން އަންގާރަ ދުވަހުވަނީ ރެކޮމެންޑް ކޮށްފައެވެ.
ކޮވިޑްބަލީގެ ހާލަތާމެދު ޗައިނާއިން އަންނަ ދަތުރުވެރިން ކޮވިޑަށް ޓެސްޓުކުރަން އެމެރިކާ އަދި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ގެންދަނީ މަޖުބޫރުކުރަމުންނެވެ. އެހެން ނަމަވެސް، ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ އެގޮތަށް ކަންކުރަން ރެކޮމެންޑް ނުކުރާ ކަމަށެވެ.