ރާއްޖެއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން މިއަހަރު އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާނެކަމަށް ބެލެވޭ ޤައުމުކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވަރލްޑް ބޭންކުން އިއްޔެ ޝާއިއުކުރި ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސްގައި މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ 8.2 އިންސައްތައަށެވެ. އެބޭންކުން ވަނީ 2022 ވަނަ އަހަރަށް ލަފާކުރި އިގުތިސާދީ ދުވެލި 7.6 އިންސައްތައިން 12.4 އަށް މަތިކޮށްފައެވެ.

މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، މިއަންދާޒާތަކަކީ އަކީ ފިނޭންސް މިނިސްޓްރީއާއި، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އަންދާޒާތަކަށް ވުރެވެސް މަތީ އަދަދެއްކަމަށެވެ.

އިގުތިސާދީ ދުވެލި ވަނީ 7.6 އިންސައްތައިން 12.4 އިންސައްތައަށް މަތިކޮށްފައިވަނީ، ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގުތިސާދު ކޮވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމުންކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. މުޅި މި ސަރަހައްދުގައިވެސް 2023 ގައި އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ ގައުމަކީ ދިވެހިރާއްޖެކަން ރިޕޯޓްގައި ފާހަގަކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އިޤްތިޞާދު ބާރަށް ކުރިއަރަމުން އަންނަ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ބުނެފައިވެއެވެ. އޭއީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ގެންގުޅުނު އިގްތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އިގުތިސާދު ރަނގަޅުކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސްގެ އިތުރުން ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުން ނެގާ ޓެކްސްވެސް ބޮޑުކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް މިހާރު ވަނީ ބޮޑުކޮށްފައެވެ.