މި އަހަރުގެ އަދަބީ ކަލަންޑަރުގައި ދިވެހި ބަހުގެ އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި ހިމެނެނީ ސްކޫލުތަކުގެ ބަޔާއި، މަތީ ތަޢުލީމުގެ ބަޔާއި، އަމިއްލަފަރާތްތަކުގެ ބައިގެ އިތުރުން އޮފީސް، ކުންފުނި، ކުލަބުތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބައެވެ.

ސްކޫލުތަކުގެ ބައިގައި ހިމެނެނީ ކީސްޓޭޖް 4 އާއި ކީސްޓޭޖް 5 ގެ ދަރިވަރުންނެވެ. މަތީ ތަޢުލީމުގެ ބައިގައި ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ އިތުރުން އިންސްޓިޓިއުޓް އަދި އެކެޑަމީތައް ހިމެނޭއިރު އަމިއްލަފަރާތްތަކުގެ ބައިގައި ދެ ޢުމުރުފުރާއެއް ހިމެނެއެވެ. އެއީ 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އުމުރުފުރާގެ ފަރާތްތަކެވެ.

މި މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް، ކުންފުނި، ކުލަބު، އަދި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބަޔަށް އޮންނާނީ ބަހުސެއްކަމަށް އެކަޑަމީން މަޢުލޫމާތުދެއެވެ.

މި މުބާރާތް އޮންނާނީ އަންނަ ފެބުރުވަރީމަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން މަޢުލޫމާތުދެއެވެ.

އެހެންކަމުން މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި، ފޯމު ފުރިހަމަކުރުމަށް ފަހު ފެބުރުވަރީ 02ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށައަޅަންވާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ގެޒެޓްކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.