ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރު ހަސަން ސާޖިން، ރާއްޖޭގެ ހުރިހާ ރަށްތަކަށް ކުރާ ދަތުރުގެ މެއިން ސްޕޮންސަރަކަށް ވިލާ ކުންފުނިން ސޮއިކޮށްފިއެވެ.
މި އެއްބަސްމުގައި ސާޖިންއާއެކު ވިލާގެ ފަރާތުން ސޮއިކުރެއްވީ، ވިލާ ހަކަތަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރަޝީދެވެ.
"ސާޖިންއާ އެކު އުތުރުން ދެކުނަށް" ކުރާ ދަތުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ސާޖިން ދަތުރުކުރާނެއެވެ. އަދި ރަށްރަށުގެ މަސްވެރިންނާއެކު މަހަށް ގޮސް، ދަނޑުވެރިންނާ އެކު ދަނޑަށްވެސް ދާން ހަމަޖެފައިވާއިރު، އެއިން ކޮންމެ ރަށެއްގެ ދިރިއުޅުން ކެމެރާއަށް ނަގައި ސޯޝަލް މީޑިއާގައި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސާޖިންއަކީ މަސްވެރި އާއިލާއަކަށް އުފަން ޒުވާނެކެވެ. މަސްވެރިކަމުގެ ދާއިރާ ކުރިޔަށްގެންދަން އަޑުއުފުލަމުން ގެންދާ ސާޖިންއަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމަށް ތަޢުރީފުކޮށް ލޯބިކުރާ ޒުވާނެއްވެސް މެއެވެ.
"ސާޖިންއާ އެކު އުތުރުން ދެކުނަށް"ކުރާ ދަތުރުގެ ޓްރެއިލަރ ލޯންޗިންގ އިވެންޓްގައި ވާހަކަދައްކަމުން ސާޖިން ބުނީ، މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އިތުރުން ޓޫރިޒަމްވެސް ވަރަށް ބޮޑަށް ބޭރު ދުނިޔޭގައި ޕްރޮމޯޓްވާނެ ކަމަށެވެ.
މި ދަތުރުކުރަން ޝައުގުވެރިކަން އުފެދުނީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ތަފާތު ރަށެއްކަން ރާއްޖެއާއި ބޭރުގެ މީހުންނަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކައިދިނުމުގެ މަގުސަދުގައިކަމަށް ސާޖިން ވަނީ ބުނެފައެވެ.
އެކި ކަންކަމާއިހުރި 2021 ވަނަ އަހަރު ފެށުމަށް ރާވައިފައިވާ މިދަތުރު މިހާ ހިސާބައް ލަސްވެފައިވާކަންވެސް ސާޖިން ވަނީ ފާހަގަކޮށްފައެވެ.