ސްރީލަންކާ ސިފައިންގެ ފައުޖު ދެބައިކުޅަ އެއްބަޔަށް މަދުކުރަން ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ.
މިއީ، ސްރީލަންކާގެ އިގްތިސާދު އަޑިއަޅައި، ގައުމު ބަނގުރޫޓުވެފައިވާތީ ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެފައި ވެއެވެ.
ސްރީލަންކާ ސަރުކާރުގެ މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްރީލަންކާ ސިފައިންގެ ފައުޖުގައި މިހާރު 200،783 ސިފައިން ހިމެނޭއިރު، ކުރިއަށްއޮތް 2024 ވަނަ އަހަރު އެ އަދަދު 135،000 އަށް މަދުކުރަން ނިންމާފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޕްރެމިތަ ބަންޑާރަ ޓެނަކޫން ވިދާޅުވީ، 2030 ވަނަ އަހަރުގެ ނިޔަލަށް ސިފައިންގެ ފައުޖުގެ އަދަދު އެއްލައްކައަށް ކުޑަކުރަންވެސް ޕްލޭން ކުރެވިފައިވާ ކަމަށެވެ.
ސްރީލަންކާގައި ތަމަޅަ ޓައިގަރުން ކުރަމުންދިޔަ ދިގުލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 2009 ވަނަ އަހަރު ސްރީލަންކާ ސިފައިން ދިން އެންމެފަހު ފިޔަވަހީގެ ހަމަލާތައް ފެށިއިރު، ސިފައިންގެ ފައުޖުގައި ހަތަރު ލައްކަ މީހުން ތިއްބެވެ.
މިދިޔަ އަހަރުގެ ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ސަރުކާރުން ކޮށްފައިވާ ޚަރަދުތަކުގެ 10 އިންސައްތައަކީ ދިފާއީ ކަންކަމަށް ކޮށްފައިވާ ޚަރަދުތަކެވެ. އެކްސްޕާޓުން ވިދާޅުވަނީ، ސަރުކާރު މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދައިގެ ދެބައިކުޅަ އެއްބަޔަކީ ސަލާމަތީ ފައުޖުތަކުގެ މެމްބަރުންގެ މުސާރައިގެ ހޭދަ ކަމަށެވެ.
ސްރީލަންކާ ސަރުކާރުން މި ހަފްތާގައި ބުނެފައިވަނީ، ދައުލަތުގައި މިހާރު ފައިސާހުރީ ސަރުކާރު މުވައްޒަފުންގެ މުސާރައާއި، ޕެންޝަނަށް ކިރިޔާ ދެވޭވަރަށް ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޕްރެމިތަ ބަންޑާރަ ޓެނަކޫން ވިދާޅުވީ، ސްރީލަންކާގެ ރައްޔިތުންނާއި، ސްރީލަންކާގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރުގަދަ ދިފާއީ ބާރެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. ވަރުގަދަ އިގްތިސާދީ ބާރަކާއި، ދިމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަކީ އެއްފައިސާ ފޮތީގެ ދެފުށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް، ސިފައިންގެ ފައުޖުތަކުގެ އަދަދު މަދުކުރުގެ މައިގަނޑު އެއް މަގްސަދަކީ ޚަރަދު ކުޑަކުރުމާއެކު، ވަސީލަތްތަކާއެކު އެންމެ ފުރިހަމަ ފައުޖެއް އޮތުންކަމަށް ޕްރެމިތަ ވިދާޅުވިއެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާއަށް ދިމާވި އިގްތިސާދީ ހީނަރުކަމާއެކު އަދިވެސް އެގައުމުވަނީ ކާބޯތަކެއްޗާއި ތެލަށް ޖެހިފައެވެ. އާންމު ރައްޔިތުން އުޅެމުންދަނީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ.
އިންޖީނުގެތައް ހިންގާނެ ތެޔޮ ނެތިގެން ކޮންމެ ދުވަހަކު އެތައް ގަޑިއިރަކަށް ކަރަންޓު ކަނޑާލަމުންދާއިރު، ޕެޓްރޯލާއި ގޭސް ގަތުމަށް ދިގު ކިޔޫތައް ހަދަންޖެހެއެވެ. ބޮޑެތި ސުޕަރ މާކެޓުތައް މުދާނެތި ހުސްވެފައިވާއިރު، އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައި ވެއެވެ.
ގައުމު ހަމަޔަކަށް އެޅުވުމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަވަނީ، ޓެކްސް ބޮޑުކޮށް، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅުވާފައެވެ. އެއީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ދޭންއުޅޭ ލޯނަށް މަގުފަހި ކުރެއްވުމުގެ ގޮތުންނެވެ.