މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނިމުނު ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗަށްފަހު، މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންގެ އަމަލުތައް ހުރިގޮތުގެ ސަބަބުން، އެ މައްސަލަ ބަލަން ފީފާއިން ނިންމައިފިއެވެ.

ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ ވޯލްޑް ކަޕުގައި ހިނގައިދިޔަ ޑިސިޕްލިނަރީ މައްސަލަތަކާއި، އެ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅަން ނިންމާފައިވާ އަދި ތަހުގީގުކުރަން ނިންމާފައިވާ ގައުމުތައް ފީފާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފަސް ގައުމެއްގެ ފުޓުބޯޅަ އެސޯސިއޭޝަނެއް ފީފާއިން ހާމަކޮށްފައިވެއެވެ. އެއީ އެކުއެޑޯ، މެކްސިކޯ، ސާބިއާ، އާޖެންޓީނާ އަދި ކްރޮއޭޝިއާއެވެ.

މުބާރާތުގެ ތަށި އުފުލާލި އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަންއާ ދެކޮޅަަށް ފީފާއިން ބަލަން ފަށާފައިވާ މައްސަލައަކީ، ފްރާންސާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަށްފަހު ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ބަލަން ފެށި މައްސަލަތަކެއްކަން ފީފާއިން ހާމަކޮށްފައިވެއެވެ. ފީފާއިން ބުނީ، އެ އިދާރާގެ ޑިސިޕްލިނަރީ ކޯޑުގެ ތިން މާއްދާއަކާ އާޖެންޓީނާއިން ހިލާފުވެފައިވާ ކަމަށެވެ.

އެއީ އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް ފުރައްސާރަވާ ގޮތަށް އާޖެންޓީނާގެ ބައެއް ކުޅުންތެރިން އަމަލުކޮށް، ފެއާ ޕްލޭގެ އުސޫލުތަކާ ހިލާފުވުމާއި، ކުޅުންތެރިންނާއި އޮފިޝަލުންނަށް އިޙްތިރާމް ކުޑަކުރުން އަދި ވޯލްޑް ކަޕް 2022 ގެ މީޑިއާ އަދި މާކެޓިންގް އުސޫލުތަކާ ޚިލާފުވުން ކަމަށް ފީފާއިން ބުނެފައިވެއެެވެ.

މި ތިން މާއްދާއާ އާޖެންޓީނާގެ ކުޅުންތެރިން ޚިލާފުވެފައިވާކަމަށް ފީފާއިން ބުނެފައިވާއިރު، އާޖެންޓީނާގެ ބައެއް ކުޅުންތެރިންގެ ފަރާތުން، ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭއަށް ފުރައްސާރަކުރާ މަންޒަރުތަކެއް ފެންނަ ފޮޓޯއާއި ވީޑިއޯ، މީސްމީޑިއާގައި ދައުރުވެފައިވެއެވެ. މިކަމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތަކެއް ވެސް އާޖެންޓީނާގެ ކުޅުންތެރިންނަށް އަމާޒުވެފައިވެއެވެ. އަދި މި މައްސަލަ ބަލައިދިނުމަށް އެދި ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަނުގައި އެދިފައިވެއެވެ.

އާޖެންޓީނާގެ އިތުރުން ދެން ފީފާއިން މައްސަލަ ބަލަނީ ކްރޮއޭޝިއާ ޓީމުގެއެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކްރޮއޭޝިއާއިން ވަނީ ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ ދެ މާއްދާއަކާ ހިލާފުވެފައެވެ. އެއީ މުބާރާތުގައި އެ ޓީމުން މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗެއްގައި، މޮރޮކޯގެ ކުޅުންތެރިންނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އަދި މެޗުގެ ސަލާމަތީ ކަންތައްތަކަށް ހުރަސްއެޅޭފަދަ އަމަލުކުރިކަމުގެ ތުހުމަތުގައެވެ.

ފީފާއިން އެންމެފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް މައްސަލަތަކެއް ބަލަމުން އަންނައިރު، ގަތަރުގައި ކުރިއަށްދިޔަ މުބާރާތުގެ ތަށި އާޖެންޓީނާއިން އުފުލާލީ ފައިނަލް މެޗުގައި ފްރާންސްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައިގެންނެވެ.

މިއީ އާޖެންޓީނާއިން ވޯލްޑް ކަޕް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.