ބްރެޒިލްގައި މިދިޔަ ހަފްތާގައި ހިނގައިދިޔަ ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ މައްސަލަ ތަހްގީގުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ނިންމައިފިއެވެ.

ޖައިރް ބޮލްސޮނާރޯގެ އެތައްހާސް ސަޕޯޓަރުން މިދިޔަ ހަފްތާގެ އާދީއްތަދުވަހުވަނީ، ވެރިރަށް ބްރަސީލިއާގައި ހުންނަ ރިޔާސީ ގަނޑުވަރާއި، ޕާލަމެންޓް އިމާރާތާއި އަދި ސުޕްރީމް ކޯޓުގެ އިމާރަށް ވަދެގަނެ ބޮޑެތި ގެއްލުންތައް ދީފައެވެ.

މިމައްސަލަތަކާ ގުޅިގެން ތަހްގީގުކުރާ މީހުންގެ ލިސްޓުގައި ކުރީގެ ރައީސް ބޮލްސޮނާރޯ ހިމަނައިދިނުމަށް ބްރެޒިލްގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ އެދިފައެވެ.

އެހެންކަމުން، އާދީއްތަ ދުވަހު ހިންގި ހަމަނުޖެހުންތަކަކީ ބޮލްސޮނާރޯ ހިތްވަރު ދެއްވައިގެން ކުރުވި ކަމެއްތޯ، ތަހްގީގުގައި ބެލުމަށް މިހާރުވަނީ ނިންމާފައެވެ.

އާދީއްތަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ބްރެޒީލްގެ ސުޕްރީމް ކޯޓުން މިހާރުވަނީ، ކުރީގެ ރައީސް ބޮލްސޮނާރޯގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރ އެންޑަރސަން ޓޮރޭސް ހައްޔަރުކުރަން އަމުރުވެސް ކޮށްފައެވެ. އެއީ، ވެރިރަށުގައި ހަމަނުޖެހުންތައް ހިންގުމުގެ ފުރުސަތު ދެއްވުމުންނެވެ. ޓޮރޭސް މިވަގުތު ހުންނެވީ އެމެރިކާގައެވެ.

ބްރެޒިލްގެ ވެރިރަށުގައި ބޮޑެތި ހަމަނުޖެހުން ހިންގި އެތައްހާސް ބަޔަކުވަނީ، ސުޕްރީމް ކޯޓު އިމާރާތާއި، ރިޔާސީ ގަނޑުވަރާއި، ޕާލަމެންޓް އިމާރާތަށް ގަދަކަމުން ވަދެގަނެ ތަންތަން ހަލާކުކޮށް ސުންނާފަތިކޮށް ބޮޑެތި ގެއްލުންތައް ދީފައެވެ.

އެމީހުން މަގްސަދަކީ، ބްރެޒިލްގެ އަމްނު ނަގާލައި، ހަމަނުޖެހުން ހިންގައި އަދި އިންގިލާބެއް ގެންނަން އަސްކަރީންނަށް މަޖުބޫރުކުރުން ކަމަށް ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އޭގެ ބޭނުމަކީ، އައު ރައީސް ލޫލާ ވެރިކަމުން ދުރުކޮށް ކުރީގެ ރައީސް ބޮލްސޮނާރޯ ވެރިކަމަށް ގެނައުން ކަމަށްވެސް ބުނެއެވެ.

އައު ރައީސް ލޫލާވަނީ، ކުރީގެ ރައީސް ބޮލްސޮނާރޯގެ ސަޕޯޓަރުން ހިންގި އަމަލުތަކަކީ ޓެރަރިސްޓް އަމަލުތަކެއް ކަމަށް ސިފަކުރައްވައި، އެ އަމަލުތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި ސަލާމަތީ ބާރުތަކުންވަނީ އެތައްސަތޭކަ ބަޔަކު ހައްޔަރުވެސް ކޮށްފައެވެ.

އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ބަލި، ކުރީގެ ރައީސް ބޮލްސޮނާރޯ ގަބޫލުކުރައްވާފައެއް ނުވެއެވެ. ޕްރެޒިޑެންޝަލް ސޭޝް އައު ރައީސާ ހަވާލުވެސް ނުކުރައްވައި، ވެރިކަމުގެ ދައުރު ހަމަވިދުވަހު ބޮލްސޮނާރޯވަނީ އެމެރިކާއަށް ވަޑައިގެންފައެވެ.

ބޮލްސޮނާރޯ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ، އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

ބްރެޒިލްގެ މިހާރުގެ ޖަސްޓިސް މިނިސްޓަރ ފްލާވިއޯ ޑީނޯ ވިދާޅުވީ، ބޮލްސޮނާރޯ އަނބުރާ ބްރެޒިލްއަށް ގެނައުމާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގައި އަދި އެދިފައި ނުވާނޭ ކަމަށެވެ.