ރ. އަތޮޅުގައި ތަރައްޤީކުރާ އަމާރީ ރާޔާ މޯލްޑިވްސް ރިސޯޓު އަންނަ މޭ މަހުގެ ތެރޭގައި ހުޅުވަން ނިންމާފައިވާއިރު، އެ ރިސޯޓަށް މުވައްޒަފުން ނެގުމަށް ރެކްރޫމަންޓް ޑޭއެއް ބާއްވަން ނިންމައިފިއެވެ.
ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމުގެ އަމާޒުގައި ފަށާ މި ރެކްރޫމަންޓް ޑޭ އޮންނާނީ ހޮޓެލް ޖެންގައެވެ. މާދަމާ މެންދުރުފަހު 1:00 އިން އިރުއޮއްސި 6:00 އަށް ބާއްވާ މި ރެކްރޫމަންޓް ޑޭގައި 100އަށްވުރެ ގިނަ ފުރުޞަތުތަކަށް ހުޅުވާލާނެއެވެ.
ވަޒީފާއަށް މީހުން ނެގުމުގައި ބަލާނީ ލިބިފައިވާ ތަޖުރިބާއާއި ހުނަރަށްކަމަށް ރާޔާ މޯލްޑިވްސް ރިސޯޓުގެ މެނޭޖުމަންޓުން މަޢުލޫމާތުދެއެވެ.
އަދި މާދަމާގެ ރެކްރޫމަންޓް ޑޭގައި މިހާރު ހުރި ވަޒީފާތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވަޒީފާތަކަށް އެޕްލައިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ފަހިކޮށްދޭނެކަމަށް ރިސޯޓުގެ މެނޭޖުމެންޓުން ބުނެއެވެ.
އަދި މީގެއިތުރުން ރ. އަތޮޅުގައި ރިސޯޓު ހުޅުވާތީ، ރިސޯޓާ ކައިރިން މީހުން ދިރިއުޅޭ ރަށްތަކުގެ ޒުވާނުންނަށްވެސް ގިނަ ފުރުޞަތުތަކެއް ފޯރުކޮށްދެވޭތޯ ބަލަމުންއަންނަކަމަށް މެނޭޖުމަންޓުން ބުނެއެވެ.
ރާޔާ މޯލްޑިވްސް ރިސޯޓަކީ ތައިލެންޑުގެ އޮނިކްސް ހޮސްޕިޓަލިޓީ ގުރޫޕުގެ ދަށުން ހިންގާ ލަގްޒަރީ ބްރޭންޑް، އަމާރީން ރާއްޖޭގައި ހުޅުވާ ދެވަނަ ރިސޯޓެވެ. މިއީ 200 ކޮޓަރީގެ ރިސޯޓެކެވެ.
އޮނިކްސް ހޮސްޕިޓަލިޓީ ގުރޫޕުން މިހާރުވެސް އަންނަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި 51 ޕްރޮޕަޓީއެއް މެނޭޖުކުރަމުންނެވެ.